ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަންމަށް ހޭލުންތެރި ކުރުވުމަށް "މަގޭ ޒިންމާ"ގެ ނަމުގައި ހޭޝްޓެގެއް


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅުންހުރި ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު "މަގޭ ޒިންމާ" ހޭޝްޓެގް ބޭނުންކުރުމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އެދިވަޑައިގެންފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އެދިވަޑައިގެންފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ޕްރޮގްރާމްތަކާއި މެސެޖުތަކުގައި ބޭނުންކުރުމަށް ޓްރެފިކް ޕޮލިހުން ކަނޑައަޅާފައިވާ "މަގޭ ޒިންމާ" ހޭޝްޓެގް ގަމާގުޅުން ހުރި ފަރާތްތަކަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ކަމާގުޅުންހުރި މުވައްސަސާތަކާއި މި ހޭޝްޓެގް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ސެންޓްރަލް ޕޮލިސްގެ ކޮމާޑިންގ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ، މިފަދަ ހޭޝްޓެގެއް ބޭނުންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުދީ ޒިންމާގެ މުހިއްމުކަން އާއްމުންނަށް އަންގައިދިނުންކަމަށެވެ. އަދި މިއީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާވެސް ގުޅިފައިވާކަމެއްކަމުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅުންހުރި މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު، މި ހޭޝްޓެގް ވީހާވެސް ގިނަ ފަރާތްތަކުން ބޭނުންކޮށް، މިއީ އަބަދުހެން ހަނދާންކޮށްދޭ ކަމެއްގެގޮތުގައި ހެއްދެވުމަށް ނަވީން އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ ސްޓޭކް ހޯލްޑަރުންނާއި މީޑިއާއަކީ ރައްޔިތުން ހޭލުންތެރިކުރުވާ، މި މެސެޖު އެފަރާތްތަކަށް ދިނުމަށްޓަކާ އެންމެ ބޮޑަށް މަސައްކަތްކުރާ ފަރާތްތައްކަމަށްވާތީ، މި ހޭޝްޓެގް އެފަރާތްތަކާވެސް ހަވާލުކޮށްގެން އަޅުގަނޑުމެންގެ ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ފަރުދީ ޒިންމާގެ މުހިއްމުކަން މުޅި މުޖުތަމަޢުއަށް އަބަދުހެން ހަނދާންކޮށްދިނުން" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، އެލައިޑް އިންޝިއުރެންސްއަށް ވަނީ "މަގޭ ޒިންމާ" ހޭޝްޓެގް ހަވާލުކޮށްފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބައެއް މީޑިއާތަކާވެސް މި ހޭޝްޓެގް ހަވާލުކޮށްފައިވެއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން 2018 ވަނަ އަހަރުން ފެށިގެން އަންނަނީ ސޯޝަލް މީޑިއާގައި ޓްރެފިކާގުޅުންހުރި މަޢުލޫމާތާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ތަފާތު މެސެޖުތައް ހިއްސާކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު މިފަދަ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ "މަށަށް އެނގިއްޖެ" މި ހޭޝްޓެގާއެކުއެވެ.