ޚަބަރު

ކާވާ ކަޕްގެ ޗެމްޕިއަންކަން ކިރިކިސްތާނަށް


ވިމެންސް ކާވާ ކަޕް 2025ގެ ފައިނަލް މެޗުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިވެހިރާއްޖެ ބަލިކޮށް ކިރްގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ކިރްގިސްތާނުން ފައިނަލް މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

ސޯޝަލް ސެންޓަރުގެ އެތޭރޭ ކޯޓުގެ ކުޅުނު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

ފައިނަލް މެޗު ފަށައިގެން ސެޓު ފަށައިގެން ފެނިގެންދިޔައީ ދިވެހި ޓީމުން ތަންކޮޅަށް ޕްރެޝަރުގައި މެޗު ފެށިތަނެވެ. ވޮލީގެ ތާރީޙު ބަދަލުކޮށްލުމުގެ ޕްރެޝަރެވެ. މިގޮތުން ސެޓުގެ ކުރީކޮޅު ކްރިގިސްތާނުން ލީޑު ނަގާ ފުރަތަމަ 3 ޕޮއިންޓް ކާމިޔާބުކުރިއިރު ދިވެހި ޓީމުން ތަންކޮޅެއް ފަސޭހައިން ޕޮއިންޓުތައް ގެއްލިގެންދިޔަ ތަން ފެނުނެވެ. އެހެންނަމަވެސް މެޗު ކުރިއަށް ދިޔަ ވަރަކަށް މަޑުމަޑުން ގޭމުގެތެރެއަށް ވަދެ ދިވެހި ޓީމުން ނަތީޖާ ހަމަ ހަމައެކުރީ 16-16 އިންނެވެ. އަދި އެއަށްފަހު ނެގި ލީޑާއެކު ދިވެހި ޓީމުން ފުރަތަމަ ސެޓު ކާމިޔާބުކުރީ ފަސް ޕޮއިންޓުގެ ތެފާތުން 25-20 އިންނެވެ.
ފުރަތަމަ ސެޓުގައި ދިވެހި ޓީމަށް އެންމެ މުހިއްމު ޕޮއިންޓުތައް ހޯދައިދިނީ ކެޕްޓަން ހައްވާ ރާޝިދާއެވެ.

ދެވަނަ ސެޓު ފަށައިގެން ލީޑު ނެގީވެސް ދިވެހި ޓީމުންނެވެ. އެހެންނަމަވެސް މި ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދިވެހި ޓީމުން ލީޑުގައި ގިނަ ވަގުތު ކުޅުނުނަމަވެސް ކިރްގިސްތާން ރާއްޖެއާއި ގާތްގާތުން ޕޮއިންޓް ހޯދަމުންގޮސް ސެޓުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 22-23 އިންނެވެ. އަދި މި ލީޑުގައި ކިރްގިސްތާނުން ދެވަނަ ސެޓު ގެންދިޔައީ 22-25 އިންނެވެ.

ތިންވަނަ ސެޓުގައި ފެނިގެންދިޔައީ ކިރްގިސްތާނުން މެޗުގެ ކުރީކޮޅު ނެގި ލީޑާއެކު ކުޅެމުންދިޔަ މަންޒަރެވެ. އަދި ސެޓުގެ ބޮޑުބައި ކިރްގިސްތާނުން ކުޅުނީ އެއް ޕޮއިންޓްގެ ލީޑާއެކުއެވެ. ދިވެހި ޓީމުން މިސެޓުގައި ކިރްގިސްތާނުގެ ލީޑު އިތުރަށް ފުޅާވިޔަ ނުދީ ގިނަ ވަގުތު ހިފެހެއްޓިނަމަވެސް ސެޓުގެ ފަހު ކޮޅު ކިރްގިސްތާނުން ލީޑު ފުޅާކޮށް ސެޓު ގެންދިޔައީ 17-25 އިންނެވެ.

ހަތަރު ވަނަ ސެޓުވެސް ރަނގަޅަށް ފެށީ ދިވެހި ޓީމުންނެވެ. އަދި މިސެޓުގައި ގިނަ ވަގުތު ލީޑުގައި އޮވެ ކުޅެމުންދިޔައީވެސް ދިވެހި ޓީމުންނެވެ. އެހެންނަމަވެސް ކިރްގިސްތާނުން ސެޓުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 18-19 އިންނެވެ. އަދި ސެޓު ގެންދިޔައީ 21-25 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރގެ މަގާމް ހޯދީ ރާއްޖެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ކިރްގިސްތާން ޓީމުގެ ޖޯޒީނަންބަރ 7 ނޫރްޒަމަލް ބޮލޮޓްބެކޮވާ، އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއާގެ މަގާމް ހޯދީ ރާއްޖޭގެ އައިމިނަތު ޝަހާ ޝާމިން، އެންމެ މޮޅު މިޑިލް ބްލޮކަރގެ މަގާމް ހޯދީ ކިރްގިސްތާންގެ ކެޕްޓަން ޖޯޒީނަމްބަރު 11 ސައިކަލް އަމިރާކުލޯވާ އާއި ރާއްޖެ ޓީމުގެ ނަރީމާ އިދުރީސް، އެންމެ މޮޅު ސެޓަރުގެ މަގާމް ހޯދީ ރާއްޖޭގެ ޖޫޒާން ޒަރީރު، އެންމެ މޮޅު ލިބެރޯގެ މަގާމް ހޯދީ ކިރްގިސްތާން ޓީމުގެ ޖޯޒީނަމްބަރު 10 އަސީމާ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކިރްގިސްތާންގެ ނޫރްޒަމަލް ބޮލޮޓްބެކޮވާއެވެ.

މުބާރާތުގެ 3 ވަނަ ހޯދީ ބަންގްލަދޭޝްއެވެ.