ތ. ތިމަރަފުށީގައި 100 ރޯ ހައުސް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯ ހައުސްތައް ޑިޒައިން ކުރުމާއި، އަދި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.
މި އެއްބަސްވުމުގެ ދަށުން ތިމަރަފުށީގައި ސޯޝަލް ހައުސިންގެ 100 ރޯހައުސް އަޅާނެއެވެ. މިއިން ކޮންމެ ގެއެއްގައި ތިން ކޮޓަރިއާއި، 3 ފާޚާނަ އަދި ސިންޓިންގް ރޫމާއި ލޯންޑްރީ އަދި ގޯތިތެރޭގައި ހުސްޖާގައެއް އޮންނާނެއެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާއި އެކު އެއްބަސްވެފައި ވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ރޯ ހައުސްތަކުގެ މަސައްކަތް ނިންމުމަށެވެ.
އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފްއެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ޝިހާދް އިބްރާޙިމްއެވެ.
ޑެޕިއުޓީ މިނިސްޓަރ ޚާލިސް ވިދާޅުވީ ޔުނިޓްތައް ހަދާނީ ގޭގެ ޖާގަ ވީހާވެސް ޖާގަ ތަނަވަސްކޮށްކަމަށެވެ.
"ގޯތިތެރޭގައި ގަސްއިންދާ، ޖޯލި ބެހެއްޓޭގޮތަށް ތަނަވަސްކޮށް ހަދާނީ. މި މަޝްރޫޢުކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެއް. ޢަމަލީ މަސައްކަތް ނިންމައި 2021ގައި މީހުންނާއި ހަވާލުކޮށް، ދިރިއުޅެން ފެށޭނެ." ޚާލިސް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ސަރުކާރުން 71.5( ހަތްދިހަ އެކެއް އޮއިންޓް ފަހެއް) މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.