ޒުވާނުންނާ ގުޅިގެން ދިރާސާތައްކޮށް ދަނޑުވެރިކަން ކުރިއެރުވުމަކީ އަމާޒެއް ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެންނެވެ.
މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" އެވެ. މި ކެމްޕޭނުގެ ދަށުން އިންސާނުންނާއި، ދިރޭތަކެއްޗާއި، ތިމާވެށީގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސައިންސްގެ އަލީގައި ގުޅިގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކަށް ވަނީ ގޮވާލާފައެވެ. މީގެއިތުރުން ވަޒީރު ވަނީ، ދިވެހި ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ގޮވާލާފައެވެ.
ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު މާރިޔާ ވިދާޅުވީ، ޞިއްޙަތު ރަނގަޅު ދިރިއުޅުމެއް ބިނާވަނީ ސައިންސަށް ބިނާވެ، ހެކިތަކަށް ތަބާވެ ކުރާ މަސައްކަތުން ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ ޙިއްސާ އެކަމުގައި ވަރަށް މުހިންމު ކަމަށާއި، ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ ދާއިރާ ކުރިއެރުވުމަށް ޒުވާނުންގެ ޚިޔާލާއި ހަކަތަ ބޭނުންވާ ކަމަށެވެ.
މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަހެވެ. 🌍
— Maryam Mariya (@mmaryambu) April 7, 2026
މިއަހަރުގެ ޝިއާރަކީ “Together for Health. Stand with Science” އެވެ.
ސިއްހަތު ރަނގަޅު ދިރިއުޅުމެއް ބިނާވަނީ ސައިންސަށް ބިނާވެ، ހެކިތަކަށް ތަބާވެ ކުރާ މަސައްކަތުންނެވެ.
ދިވެހި ޒުވާނުންގެ ހިއްސާ އެކަމުގައި ވަރަށް މުހިންމެވެ. ދަނޑުވެރިކަމާއި… https://t.co/mJNSIjYL5S
ރާއްޖޭގެ ޖީޑީޕީގެ %1.2 ދަނޑުވެރިކަމަށް ޙިއްސާ ކުރެއެވެ. ގާތްގަނޑަކަށް 8000 ދަނޑުވެރިން ރާއްޖޭގައި ތިބިއިރު، ދަނޑުވެރިންގެ ތެރެއިން %6.9 އަކީ ޒުވާނުންނެވެ. މި ތަފާސްހިސާބު ދައްކާ ގޮތުން، ދަނޑުވެރި ކަމަށް ޒުވާނުން ނެރުމަކީ މުހިއްމު ކަމެކެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެތެރުކުރާ ތަކެތީގެ ތެރެއިން %21 އަށްވުރެ ބޮޑު ބަޔަކީ ކާނާގެ ބާވަތްތަކެވެ. ޒުވާނުންގެ ވަޒީފާ ނެތުމުގެ ނިސްބަތް %16.1 ވުރެ މަތީގައި ހުރިއިރު، ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރައިފިނަމަ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަންވެސް ކަށަވަރު ވެގެންދާނެއެވެ.
ޑަބްލިއު.އެޗް.އޯއިން ސަރުކާރުތަކަށާއި، ސައިންސް ވެރިންނަށާއި، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ގޮވާލަނީ ހެކިތަކަށް ބިނާވެ، ޞިއްޙީ ނިންމުންތައް ނިންމައި، ސައިންސްގެ އަލީގައި ކުރިއަށް ދިއުމަށެވެ.