ޚަބަރު

އިބްރާހީމް ޢަލީގެ ސުލޫކީ މައްސަލަ ބެލުމަށް ކޮމިޓީ އެކުލަވާލަނީ


ކްރިމިނަލް ކޯޓްގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް ޢަލީގެ ސުލޫކީ މައްސަލަ ބެލުމަށްޓަކައި ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބަލަން ނިންމާފައިވާ ކްރިމިނަލް ކޯޓްގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް ޢަލީގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެމައްސަލަ ބަލާ ތަޙްޤީޤު ކޮމިޓީ އެކުލަވާލުމަށް ވަނީ މިބައްދަލުވުމުގައި ނިންމާފައެވެ.

މިބައްދަލުވުމުގައި ތަޙްޤީޤީ އިދާރާއަކުން ނުވަތަ މިކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު މަސައްކަތުން ވަގުތީކޮށް ދުރުކުރެވިއްޖެނަމަ، އެފަނޑިޔާރަކު ބަލަމުންދިޔަ މައްސަލަތައް މަޑުޖެހުމަކާނުލާ ކުރިއަށްދާނެ އިދާރީ އިންތިޒާމްތައް ހަމަޖައްސާދެއްވުމަށްއެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދުމަށްވެސް ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މީގެއިތުރުން މިބައްދަލުވުމުގައި މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޙަސަން ޒަރީރު ފަނޑިޔާރުކަމުން މުސްކުޅިކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާތީ، މިކަމުގައިވެސް ވަކިގޮތެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ޙަސަން ޒަރީރަކީ މިހާރު ޢުމުރުން 62 އަހަރުވެފައިވުމާއި ޞިއްޙީ ސަބަބުތަކަށްޓަކައި "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ދަށުން މަޤާމުން މުސްކުޅިކުރުމަށް ފެންނަކަމަށް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.