ކުޅިވަރު

އައިޓީޓީއެފްގެ އެހީތެރިކަން ރާއްޖޭގެ ޓޭބަލް ޓެނިހަށް ލިބޭނެ: އައިޓީޓީއެފްގެ ރައީސް


އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ އެހީތެރިކަން ރާއްޖޭގެ ޓޭބަލް ޓެނިހަށް ލިބޭނެކަމުގެ ޔަގީންކަން އައިޓީޓީއެފްގެ ރައީސް ތޯމަސް ވެއިކާޓް ދެއްވައިފިއެވެ.

ޗުއްޓީއަށް ރާއްޖެއައިސް ފުރުމުގެ ކުރިން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ތޯމަސް ވެއިކާޓްވަނީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްއާއި، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ އިތުރުން އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގްއާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރުން ދިވެހި ޓޭބަލްޓެނިސް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ވެއިކާޓްވަނީ އައްސަވާފައެވެ.

ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމަވާލެއްވުމަށްފަހު ފުރުމުގެ ކުރިން ވެއިކާޓްވަނީ ރާއްޖޭގެ ޓޭބަލްޓެނިހަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި، ޓޭބަލް ޓެނިސް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ. ވެއިކާޓް ވިދާޅުވީ ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށް އައިޓީޓީއެފުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށާއި، ރާއްޖެއަކީ ޓެބަލްޓެނިހުގައި އުއްމީދީ ޤައުމެއްކަމަށެވެ.