ޚަބަރު

ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ލަފާދީފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރަން ނުފެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާ ގުޅޭގޮތުން ކޮމިޝަނުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ތިން ފަރާތަކުން ޢަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން މިކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ.

އެ ޝަކުވާތަކާ ގުޅޭގޮތުން މިކޮމިޝަނުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކާގުޅިގެން ކޮމިޝަނުން ހޯދި މަޢުލޫމާތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާއަށް އެދިވަޑައިގެންފައިވާ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އެމަޤާމަށް ޢައްޔަނުކުރުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި މި ކޮމިޝަނަށް ޤަބޫލު ނުކުރެވޭކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ވަނީ މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންވެސް އައްޔަންކުރަން ނުފެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލަފާއަރުވާފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ފަނޑިޔާރު ޙުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް ޢަލީ ޒާހިރެވެ.