ޚަބަރު

ހިލޭ ޤާނޫނީ ލަފާދިނުމަށް ކުޅުދުއްފުށި ސިޓީގައި ޚާއްސަ ހަރަކާތެއް ބާއްވަނީ!


ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޢާންމު ރައްޔިތުން ޤާނޫނީ ގޮތުން ބާރުވެރިކުރުމަށް ހިންގާ "މޯބައިލް ލީގަލް އެއިޑް ކްލިނިކް"ގެ ފަސް ވަނަ ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިއީ ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި، މުޖްތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކުޅުދުއްފުށީގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހެވެ.

މި ޕްރޮގްރާމްގައި ކަނޑައެޅޭ ދާއިރާތަކަކުން ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ސެޝަންތައް ބޭއްވުމާއި ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް އެ ސެންޓަރުގެ ޤާނޫނީ ވަކީލުން ޤާނޫނީ ލަފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި އާއްމުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 12 ޤާނޫނީ ވަކީލުން ބައިވެރިވާނެކަމަށްވެސް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި، އަސާސީ ހައްގުތަކަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތް އޮންނާނީ 24 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހދ. ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ހޯލް ގައެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް ހިންގާ ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް ހދ. ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ހޯލް ގައެވެ.

މީގެ އިތުރުން ޢާންމު ރައްޔިތުނަށް ޤާނޫނީ ލަފާދިނުމަށް ބާއްވާ ހަރަކާތް އޮންނާނީ 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކުން މެންދުރު 2:00 އަށް ކުޅުދުއްފުށި ހޮނިހިރު ބާޒާރު ސަރަހައްދު ގައެވެ. މި ހަރަކާތުގެ ތެރެއިން ބިމާއި މުދަލާއި ގުޅޭ މައްސަލަތަކާއި، ވަޒީފާގެ މައްސަލަތަކާއި، ބެންކް ލޯނާ ގުޅޭ މައްސަލަތަކާއި، އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާއި ގުޅުންހުރި މަދަނީ މައްސަލަތަކަށް ބޭނުންވާ ޤާނޫނީ ލަފާ ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމްގައި ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާނޫނީ ވަކީލުންނާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެއްމޭޒު ދޮށުން ބައްދަލުކުރުމުގެ ފުރުޞަތު ހޯދައި ދެވޭނެއެވެ. އަދި ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުދުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތުކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާނަމަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ހޯދަން ބޭނުންވާ އަސާސީ އަދި އިޖުތިމާއީ އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައިވެސް އެފަރާތުން ހާމަކޮށްފައި ވެއެވެ..

ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ އެ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގާ މި ހަރަކާތް މީގެ ކުރިން ވަނީ އައްޑޫ ސިޓީއާއި، ބ. އޭދަފުށްޓާއި، ގދ. ތިނަދޫގެ އިތުރުން ހދ. ހޯރަފުށީގައި ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބެމުންދާކަން މިކަން އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.