ޚަބަރު

ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން ކުރިޔަށް


  • އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • މިއީ 226.18 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.

ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކުރީ، މިދިޔަ މަހުގެ ތެރޭގައެވެ.

ފަރެސްމާތޮޑާއަކީ، އެއާޕޯޓެއްވެސް އޮންނަ ރަށަކަށްވުމާއެކު އެ ރަށުގެ ބަނދަރުގެ ބާރު ބޮޑުވެ، ޖާގައިގެ ދަތިކަން އެރަށު ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށްވެސް ކުރިމަތިވެއެވެ. ޚާއްސަކޮށް އެރަށަކީ، މަސްވެރިކަންވެސް ކުރާ ރަށަކަށް ވުމާއެކު އެރަށުގެ ރައްޔިތުންގެ އެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ އެރަށުގެ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ފަށާފައެވެ.

މި މަޝްރޫޢުގެ ތެރެއިން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 226.18 މިލިޔަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފަރެސްމާތޮޑާއަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ އެއްރަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެރަށުގައި ވަނީ، 18 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.