ޚަބަރު

ވޯކް ވިސާގައި ޑިސެމްބަރު މަހު 7588 ބިދޭސީން ރާއްޖެ އެތެރެވި


މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި މަސައްކަތް ކުރުމަށް 7000 ވުރެ ގިނަ ބިދޭސީންނަށް ވޯކް ވިސާ ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، އެމީހުގެ ތެރޭގައި ގިނައީ ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އަވަށްޓެރި ޤައުމުތަކުން އަންނަ މީހުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު އިމިގްރޭޝަނުންވަނީ 7588 ބިދޭސީންނަށް ވޯކް ވިސާ ދޫކޮށްފައެވެ. މީގެ ތެރެއިން 7508 މީހުންނަކީ މާލޭގައި މަސައްކަތް ކުރުމަށް އައި މީހުންނެވެ. އަދި ބާކީ 80 މީހުން ރާއްޖެ އައިސްފައިވަނީ އެކި ރަށްރަށުގައި މަސައްކަތް ކުރުމަށެވެ.

ވޯކް ވިސާގައި އެންމެ ގިނައިން ރާއްޖެއަންނަނީ ލޭބަރުގެ ގޮތުގައި މަސައްކަތް ކުރުމަށް އަވައްޓެރި ޤައުމުތަކުން އަންނަ މީހުންކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

ވޯކް ވިސާއަކީ ވަކި މުއްދަތެއްވަންދެން، މަސައްކަތް ކުރުމަށް ރާއްޖޭގައި މަޑުކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދޫކުރާ ވިސާއެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި ލޭބަރުންގެ ގޮތުގައި މިހާރުވެސް ރާއްޖޭގައި 130،000 އެއްހާ މީހުންދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ ޤަވައިދާއި އެއްގޮތަށް ލިޔެކިޔުންތައް ހަަމަކޮށްގެން އުޅެމުން އަންނަނީ 70،000އެއްހާ މީހުންނެވެ. އަދި އަނެއް 60،000މީހުންނަކީ އިމިގްރޭޝަނާއި ކަމާއިގުޅުންހުރި މުވައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނެތި އުޅެމުން އަންނަ މީހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ވޯކު ވިސާގެ އިތުރުން އިމިގްރޭޝަނުން ދެން އެންމެ ގިނައިން ދޫކޮށްފައި ވަނީ ބިޒްނަސް ވިސާއެވެ. ބިޒްނަސް ވިސާއަކީ މަސައްކަތް ކުރުމަށް ރާއްޖޭގެ ކުންފުންޏެއްގައި ރެޖިސްޓަރ ކޮށްފައިވާ ފަރާތްތައް ނޫން ނަމަވެސް ވަކި މަސައްކަތެއް ކުރުމަށް ރާއްޖޭގައި ވަކި މުއްދަތަކަށް މަޑުކުރުމަށްދޭ ވިސާއެކެވެ. އިމިގްރޭޝަނުން ޑިސެމްބަރުމަހު 1109 މީހުންނަށް ބިސްނަސް ވިސާ ދޫކޮށްފައިވެއެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު 223 މީހަކަށް ޑިޕެންޑެންޓް ވިސާވެސް ދޫކޮށްފައިވެއެވެ. މިއީ އާއިލާގެ ފަރާތެއް ރާއްޖޭގައި މަސައްކަތް ކުރަމުން އައުމާއި ގުޅިގެން، އެ އާއިލާގެ އެހެން މީހުން ރާއްޖޭގައި ދިރިއުޅުމަށް ނަގާ ވިސާއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެމްބަރު މަހު 122 ފަރާތަކަށް ސްޓޫޑެންޓް ވިސާވެސް ވަނީ ދޫކޮށްފައެވެ. އަދި ސަރުކާރުގެ ޚާއްސަ ހުއްދައިގެ ދަށުން 24 ފަރާތަކަށް "ސްޕެޝަލް ވިސާ" ދޫކޮށްފައިވެއެވެ. މީގެއިތުރުން އެހެނިހެން ކެޓަގަރީތަކުން 119 މީހުންނަށް ޑިސެމްބަރު މަހު ވިސާ ދޫކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުންވަނީ ވިދާޅުވެފައެވެ.