ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ ފޯނު ހެކްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ފޯނު ސަޢުދީ އަރަބިއްޔާގެ ވަލީ އަހްދު، ޕްރިންސް މުހައްމަދު ހެކް ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެމައްސަލަ ރަނގަޅަށް ތަހްޤީޤްކުރުމަށް އދގެ ކަމާބެހޭ އިދާރާތަކުންވެސް މިހާރު ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ފޯނު ހެކް ކޮށްފައިވާކަން އދގެ ކަމާބެހޭ ފަރާތްތަކުންނާއި ޖެފް ބެޒޯސްގެ ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓުން ޔަޤީންކޮށްދީފައިވާއިރު، މިކަމާއެކު ގިނަ ބަޔަކު ވަނީ އެތައް މިލިއަން ބަޔަކު ބޭނުންކުރާ އެޕްލިކޭޝަންތަކާއި ފޯނުތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައެވެ.
ޖެފް ބެޒޯސް ފަދަ ބާރުގަދަ މީހެއްގެ ފޯނު ހެކްކޮށްލީ ކިހިނެތްތޯ؟ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް ފަދަ ބާރުގަދަ މީހެއްގެ ފޯނު ހެކްކޮށްލާފައިވާއިރު، އާއްމު މީހާގެ ފޯނުގެ ރައްކާތެރިކަން އޮތީ ކިހާ ހިސާބެއްގައިތޯ؟ މިއީ މިހާރު އުފެދިފައިވާ ސުވާލުތަކެކެވެ.
ޖެފް ބެޒޯސްގެ ފޯނު ހެކްކުރި މައްސަލަ ބެލި ފްރޮންސިކް ޓީމުންނާއި އދގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ޖެފް ބެޒޯސްގެ ފޯނު ހެކްކޮށްފައިވަނީ 2018 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު ސަޢުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ވަޓްސްއެޕް މެދުވެރިކޮށް އޭނާއަށް ފޮނުވި މެސެޖަކަށްފަހުއެވެ.
މައްސަލަ ތަހުޤީޤްކުރި ޓީމުން ބުނާގޮތުން ސަޢުދީ ޕްރިންސްގެ ފޯނުން ޖެފް ބެޒޯސްގެ ފޯނަށް ފޮނުވި "ގޮތް ނޭގޭ" މެސެޖުގައި ވަނީ ވީޑިއޯ ފައިލެކެވެ. އެ މެސެޖު ފޯނަށް ލިބުމާއެކު، އެފޯނުގައި ހުރި އެތައް ސަތޭކަ މެގަބައިޓެއްގެ މަޢުލޫމާތުތައް ވަނީ ޖެފް ބެޒޯސްއަށް ނޭނގި އެފޯނުން ނަގާފައެވެ. މައްސަލަ ތަހުޤީގްކުރި ޓީމުން ލަފާކުރާ ގޮތުގައި ފޯނު ހެކްކުރުމަށްފަހު ބެޒޯސްގެ ފޯނުން 6 ޖީބީގެ މަޢުލޫމާތު ވަނީ ވަގަށް ނަގާފައެވެ.
ޖެފް ބެޒޯސްގެ ފޯނު ހެކްކުރި މައްސަލަ ދިރާސާކުރި ތަޖުރިބާކާރުންގެ ރިޕޯޓް ދިރާސާކުރުމަށްފަހު އދގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޖެފް ބެޒޯސްގެ ފޯނު ހެކްކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނަވާ މައްސަލައެއްކަމަށެވެ. އދގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ޖެފް ބެސޯޒްގެ ފޯނު ހެކްކޮށްފައިވަނީ ޖެފް ބެސޯޒްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ވޮޝިންޓަން ޕޯސްޓް ނޫހުން ސަޢުދީ ޢަރަބިއްޔާއާ ގުޅޭގޮތުން ގެނެސްދޭ ޚަބަރުތަކަށް ނުފޫޒު ފޯރުވުމަށް ނޫނީ އެކަން ހުއްޓުވުމަށްކަމަށް ބެލެވޭކަމަށެވެ.
ވޮޝިންޓަން ޕޯސްޓް ނޫހަކީ ސަޢުދީ ޕްރިންސްގެ އަޑީގައި ހުރެގެން މަރާލިކަމަށް ބުނާ ސަޢުދީ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަސައްކަތްކުރަމުންދިޔަ ނޫހެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ހަޝޮގްޖީ ސަޢުދީ އެމްބަސީ ތެރޭގައި މަރާލާފައިވާއިރު، އޭނާ ދިޔައީ ވޮޝިންޓަން ޕޯސްޓްގެ ކޮލަމިސްޓެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާއާއި ޕްރިންސް މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ފޯނު ހެކް ކުރިކަމުގެ ތުހުމަތު ސަޢުދީ ޕްރިންސް މުހައްމަދުގެ އިސްތަށިފުޅުގައި އެޅިފައިވާއިރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ތަހުޤީޤް ޓީމުގެ ވާހަކަތައް ދޮގުކޮށްފައެވެ. އެކަން ދޮގުކުރަމުން އެމެރިކާގައި ހުންނަ ސަޢުދީ އެމްބަސީން ވަނީ އެމައްސަލަ ރަނގަޅަށް ތަހުޤީޤްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ސައޫދީ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން ވިދާޅުވީ ޕްރިންސް މުހައްމަދު ޖެފް ބެޒޯސްގެ ފޯނު ހެކް ކުރިކަމަށް ބުނާ ވާހަކައަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ.
ޖެފް ބެޒޯސްގެ ފޯނު ހެކް ކޮށްފައިވާއިރު، މިހާތަނަށް އައިރު ޖެފް ބެޒޯސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޙަބަރުފަތުރާ ވަޞީލަތްތަކުން އޭނާގެ ބަހެއް ހޯދުމަށްކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. ހެކްކުރި ވާހަކަތައް މީޑިއާއަށް ތިލަވުމުން ޖެފް ކުރެއްވީ އެންމެ ކަމެކެވެ. އެއީ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ ޖަނާޒާގައި ބައިވެރިވި ދުވަހުގެ ފޮޓޯއެއް ޓުވީޓްކުރެއްވުމެވެ. ޓުވީޓްގެ ކެޕްޝަންއަކަށް ޖަހާފައިވަނީ "ޖަމާލް" އެކަންޏެވެ.
ޖެފް ބެޒޯސްގެ ފޯނު ހެކްކުރި މައްސަލައާ ގުޅިގެން ސަޢުދީ ޕްރިންސްއަށް މިވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ހަޝޮގްޖީގެ މަރާއެކު ސަޢުދީ އިޤްތިޞާދު ކުރިއަރުވައި، ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޕްރިންސް މުހައްމަދު ކުރައްވާ މަސައްކަތްތަކަށްވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެކަމުން އަރައިގަނެވުނުތާ ދުވަސްކޮޅެއްވީތަނާ އަނެއްކާވެސް މިވަނީ ޕްރިންސް މުހައްމަދުގެ މައްސަލައެއް ފެންމަތިވެފައެވެ.