ޚަބަރު

އެމްއެންޔޫ އޯޕަންޑޭ ހޮނިހިރު ދުވަހު، 100އަށްވުރެ ގިނަ ކޯހުގެ ފުރުސަތު!


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެމްއެންޔޫގެ ކޯސްތަކަށް ހޮވިފައިވާ ދަރިވަރުންގެ ރެޖިސްޓްރޭޝަނަށާއި ކޯސްތަކަށް އެޕްލިކޭޝަން ހުށައެޅުމަށް ފަސޭހަކޮށްދިނުމަށް ބާއްވާ "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތް އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އޮންނާނެ ކަމުގައި ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

މި ހަރަކާތަކީ ފެބްރުއަރީ އިންޓޭކްގައި އެމްއެންޔޫއިން އެކި ދާއިރާތަކުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި، އަދި އިވެންޓްގެ ތެރެއިން ރެޖިސްޓްރޭޝަންގެ ކަންކަމަށް ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

"ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތް މާލޭގައި އޮންނާނީ ރަށްދެބައި ހިންގުމުގައި ހުންނަ އެމްއެންޔޫގެ އިދާރީ މައި އޮފީހުގައެވެ.

މި ހަރާކާތް ކުރިއަށްދާނެ ގަޑިތަކަކީ ހޮނިހިރު އަދި އާދިއްތަ ދުވަހު ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

މާލޭގެ އިތުރުން އެމްއެންޔޫ ތިނަދޫ ކެމްޕަހުގައިވެސް ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ފޯމް ހުށައެޅުމުގެ ހަރަކާތެއް މިއަދު އޮންނާނެއެވެ. މި ހަރަކާތް އޮންނަނީ މިއަދު ހަވީރު 16:00އިން 18:00އަށް އެމްއެންޔޫ ތިނަދޫ ކެމްޕަހުގައެވެ.

އެމްއެންޔޫއިން ފެބްރުއަރީ މަހު އިންޓޭކްގައި 100އަށްވުތެ ގިނަ ކޯހުން ފުރުޞަތު ހުޅުވާލާފައިވެއެވެ. ފެބްރުއަރީގައި ފަށާ ކޯސްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިހިނގާ ޖެނުއަރީމަހުގެ 30ވަނަ ދުވަހެވެ.

އެމްއެންޔޫގައި ތަޢުލީމީ، ސިއްޙީ، އެފް.އެންޑް.ބީ، ވިޔަފާރި، ޝަރީއާ އަދި އަރޓްސްގެ ދާއިރާއިން ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެވެ.