ޚަބަރު

އަންހެނުން ޚިތާނުކުރުމާއި ގުޅޭ ފަތުވާއަކަށް އެދިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަކަށް ނޫން


އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް ނޫންކަމުގައި އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވީ، އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން އިލުމުވެރިންގެ ރައުޔަކަށް އެދިވަޑައިގެން ފަތުވާ މަޖިލީހަށް އެކަމުގެ ރައުޔަކަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު އަލީ ހުށައެޅުއްވުމާއި ގުޅިގެން އެމައްސަލައިގައި އެމަނިކުފާނަށާއި އިސްލާމިކް މިނިސްޓްރީއަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާވަގުތެއްގައި އެކަން ސާފުކޮށް ދިނުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި ވީނަމަވެސް އެފަތުވާއަކީ އެއްވެސް ޙާލެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫންކަމަށެވެ.

އިސްލާމް ދީނުގައި އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީގޮތުން އޮންނަ ގޮތް އޮޅުންފިލުވައި ދެއްވުމަށް، އެމިނިސްޓްރީގައި އެދިފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ކަމަށެވެ.

އަދި އިސްލާމް ދީނުގައި އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީގޮތުން އޮންނަ ގޮތް އޮޅުންފިލުވައި ދެއްވުމަށްއެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފަތުވާއަކަށް އެދިލެއްވި އެދިލެއްވުމާއި ގުޅިގެން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ، ފަތުވާ މަޖިލީހުގައި ރައުޔަކަށޤ އެދި ދަންނަވާފައި ވަނީ، މިނިސްޓްރީގެ ފަރާތުން ފަތުވާ މަޖިލީހަށް އެފަދަ ރައުޔަކަށް އެދެވޭނެ ފަރާތަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ވާތީކަމުގައިވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައި ވަނީ، އެމިނިސްޓްރީއަކީ، ރައްޔިތުންނަށް ދީނީ ގޮތުން އޮޅުންއަރާ ކޮންމެ ކަމެއްގައި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކަމެއްގައި ދީނީގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތްކަމަށެވެ.

ވީމާ ކުރިއަށްއޮތް ތަނުގައިވެސް މި މިނިސްޓްރީ އަށް ހުށަހެޅޭ ދީނީ މައްސަލަތަށް އޮޅުންފިލުވައި ދެއްވުމަށް އެ އޮންނަ އުސޫލުގެދަށުން، ޢަމަލުކުރަމުން ގެންދަވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ފަރާތުން މިފަދަ ހުރިހައި ކަމެއްގައި މި މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމަކީ، ކުރިންވެސް ކޮންމެވެސް ވަރަކަށް ހިނގަމުން އައި ކަމަކަށްވެފައި، މިހާރުވެސް ހަރުކަށި ދީނީ ވިސްނުމުގެ މީހުންގެ ތެރޭގައި ހިނގަމުންދާކަމެއް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.