އުމުރުން 14 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ފުލުހުން މިރޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ބްލެކްމެއިލް ކުރުމާއި، ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބުދަދުވަހުގެ އިރުއޮއްސި 18:30 ހާއިރުގައި މާލެއިން ކަމަށާއި، އެމައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސިފައިންގެ އޮފިސަރެއްގެ ކަމުގައި އަޑުފެތުރިފައި ވާއިރު، އެކަން ފުލުހުންވެސް އަދި އެމްއެންޑީއެފުންވެސް ކަށަވަރުކޮށެއް ނުދެއެވެ.
އެހެން ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމްއެންޑީއެފްގެ އޮފިސަރަކު ހައްޔަރުކޮށްފައިވާކަން މޯލްޑިވުސް ޕޮލިސް ސާވިސަސްއިން އެމްއެންޑީއެފަށް އަންގަވާފައިވާކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމާއި ގުޅޭ ފަރާތްތަކަށް ރިޕޯޓްކުރުން މިދުވަސް ވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.