ޚަބަރު

ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި


ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުމަތީގެ ޙާދިސާ ހިންގުން އިތުރުވަމުންދާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ހުށައެޅެމުން އަންނަކަމަށް އެމްއެންޑީފުންވަނީ ވިދާޅުވެފައެވެ. މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓް ލިބެމުންދާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުފައެވެ.

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން އިތުރަށް ބަރުނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވެއެވެ.

ވަކިން ޚާއްޞަކޮށް ކުދި އަނގަމަތި އޮޑިފަހަރާއި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރައްވާއިރު ޙާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައި ވެއެވެ.