ޚަބަރު

ދިވެހި ޅެންވެރިންގެ ގިނަ އައު އުފެއްދުންތަކެއް ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ނެރެނީ


ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް މ.ދިއްގަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ދިވެހި ޅެންވެރިންގެ ގިނަ އައު އުފެއްދުތަކެއް ނެރުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއްޖެއެވެ.

ދިވެހި ބަހުގެ އެކެޑެމީއިން ދަނީ ޅެންވެރިކަމުގެ ދާއިރާ ފުޅާކުރުމަށް މި ދާއިރާއިން މީހުން ތަމްރީންކޮށް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެއެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ މ.ދިއްގަރުގައެވެ.

ދިއްގަރުގައި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ޅެންވެރިކަމުގެ ދުވަސް ޚާއްސަކުރާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިންގެ އުފަން ރަށްކަމުގައި އެރަށްވާތީއެވެ.

ޅެންވެރިކަމުގެ ދުވަހާއި ގުޅުވައިގެން މ.ދިއްގަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކާތްތައް މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގުމާއި، ޅެންވެރިންގެ ހުނަރު ދައްކާލުމަށް އެދުވަހު ހަވީރު އެރަށުގައި ބާއްވާ ހަރަކާތާއި، އަދި ދުވަހުގެ ރަސްމީ ޖަލްސާ ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ.

ޅެންވެރިންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މި ހަރަކާތްތަކުގެ ތެރެއިން ޅެންވެރިންގެ މުޅިން އާ ގިނަ އުފެއްދުންތަކެއް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ.

"މ އަތޮޅުގެ ހުރިހާ ރަށްރަށުގެ ޅެންވެރިން ޖަލްސާގައި ބައިވެރިވާނެ. ޅެންވެރިން އެއްތަންކޮށް ބާއްވާ ހަރަކާތުގައި އެމީހުންގެ އާ ޅެންތައް ނެރުމާއި، ދިއްގަރުގެ ޒުވާން އަންހެން ޝާއިރާއެއްގެ ޅެން ފޮތެއް ނެރުމާއި، ކުރިންސުރެ މަސައްކަތް ކުރި މީހުންގެ އަގު ވަޒަންކޮށް ފޮތެއް ނެރުން އޮންނާނެ. އަދި ޅެންވެރިކަމުގެ އިލްމާއި ގުޅޭ 3 ފޮތާއި، އިނގިރޭސިބަހުން ދިވެއްސަކު ހަދާފައިވާ ޅެންފޮތެއް ނެރުން އޮންނާނެ." އަޝްރަފް ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މާލެއިން 70 ޅެންވެރިން ދިއްގަރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދިނުމަށް ހަމަޖެހިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޅެންވެރީންގެ ދުވަހުގެ ގޮތުގައި ޖެނުއަރީ 15 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އިބްރާޙިމް ޝިހާބުގެ ހަނދާނުގައެވެ.

މިއަހަރަކީ ޅެންވެރިންގެ ދުވަސް ފާހަގަކުރާ 31 ވަނަ އަހަރެވެ.