ކުޅިވަރު

ރާއްޖެ ލީގުގައި ދުވަހަކު ނުކުޅޭ ކުޅުންތެރިއެއް ޤައުމީ ޓީމަށް


ދުވަހަކުވެސް ރާއްޖޭ ލީގުގައި ނުކުޅޭ ކުޅުންތެރިއަކަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ދީފިއެވެ. 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފަންސަވީސް ކުޅުންތެރިންގެ ސްކޮޑް އިޢުލާންކޮށްފައިވާއިރު މިފަހަރުގެ ސްކޮޑުން ޖާގަ ދިނީ އޮސްޓްރިއާގައި ދިރިއުޅޭ ޒުވާން ކުޅުންތެރިޔާ މަނީއު ރައޫފު އަށެެވެ. މަނީއުގެ ބައްޕައަކީ ދިވެއްސެއް، އަދި މަންމަ އަކީ އޮސްޓްރިޔާ މީހެކެވެ. 

އޮސްޓްރިއާގެ ވިއޭނާގައި ދިރިއުޅެމުންދާ މަނީއު އަންނަނީ އެޤައުމުގެ އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ ޓޮޕް ލީގުގައި ކުޅެމުންނެވެ. ޤައުމީ ޓީމްގެ ފަރިތަކުރުން ތަކަށް މަނީއު މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނަވާރަ ވަނަ ދުވަހުއެވެ.

ފަންސަވީސް ކުޅުންތެރިންގެ ސްކޮޑެއް މިއަދު އިޢުލާންކުރިއިރު، މުޅިން އަލަށް ޓީމުން ފުރުސަތު ލިބުނު ކުޅުންތެރިން ހިމެެނެއެވެ. މިއަދު އެފްއޭއެމް ހައުސްގައި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަމުން ޤައުމީ ޓީމްގެ ކޯޗް ވެލިޒާ ޕޮޕޯވް ބުނީ މިމަހުގެ ތިރީސް ވަނަ ދުވަހު ޓީމް ފުރުމުގެ ކުރިން ވިހި ކުޅުންތެރިންނަށް ސްކޮޑް މަދުކުރާނެ ކަމަށާއި، މިއީ ޓީމުން ފުރުސަތު ހޯދުމަށް ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަނިޔާގެ ސަބަބުން ގޯލް ކީޕަރ އިމްރާން އަދި ހުސެއިން ނިޔާޒް ޓީމްގައި ނުހިމެނޭއިރު، ރިލީޒް ނުލިބޭތީވެ ކެޕްޓަން އަޝްފާގު އަދި މުހައްމަދު އާރިފްވެސް މިފަހަރުގެ ސްކޮޑްގައި ނުހިމެނެއެވެ. 

އިމްރާންގެ ބަދަލުގައި ވެލެންސިޔާގެ ކީޕަރ އާތިފް ޓީމްގައި ހިމަނާފައިވާއިރު، މަހިބަދޫގެ ދެކުޅުންތެރިން ކަމަށްވާ ޤާސިމް ސަމާމް އަދި ސަމޫހް އަލީއަށްވެސް ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން މިއަހަރުގެ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީގެ ހަސަން ނާއިޒް އަދި ވެލެންސިޔާގެ ހުސެއިން ނިހާންއަށް ވެސް ވަނީ ފަންސަވީސް ކުޅުންތެރިންގެ ތެރެއިން ފުރުސަތު ލިބިފައެވެ. 

ޤައުމީ ޓީމް ފަރިތަކުންތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާވަނަ ދުވަހުއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ފުރަތަމަ ނިކުންނާނީ މަޔޯޓޭއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.