މިހާރު ކުރިއަށްދާ ވޯލްޑް އެކޮނޮމިކް ފޯރަމުގައި އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕާ ތިމާވެށި ޙިމާޔަތް ކުރަން މަސައްކަތްކުރާ ޒުވާން އެކްޓިވިސްޓް ގްރެޓަރ ތުންބާރގްއާ ދެމެދު ވަރުގަދަ ބަހުގެ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އިޤްތިސާދުވަނީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އެތައް ގުނައަކުން ކުރިއަށް ޖެހިފަކަމަށާއި ބޭރުގެ ފަރާތްތަކުން އެޤައުމުގެ އިޤްތިޞާދަށް އިންވެސްޓްކުރަންޖެހޭކަމަށެވެ. ޓްރަމްޕްވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުކޮށްގެން ފަތުރަމުންދާކަމަށް ވިދާޅުވެ ތިމާވެށީގެ އެކްޓިވިސްޓުންނަށް ފާޑުވިދާޅުވެފައެވެ. އަދި އެމެރިކާއިންވަނީ އެއް ޓްރިލިއަން ގަސް އިންދުމުގެ މަޝްރޫޢެއްގައި ބައިވެރިވެފައިކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ތަޤްރީރުކުރެއްވިތާ އެއްގަޑިއިރު ފަހުން ތިމާވެށި ޙިމާޔަތް ކުރަން މަސައްކަތް ކުރާ ސުވިޑަންގެ ޒުވާން އެކްޓިވިސްޓް ގްރީޓަރ ތުންބާރގް ބުނީ އެއް ޓްރިލިއަން ގަސް އިނދައިގެންވެސް މޫސުމަށް އަންނަމުންދާ ބަދަލުތައް ނުހުއްޓުވޭނެކަމަށެވެ. އުމުރުން އެންމެ 17 އަހަރުގެ ތުންބާރގް ބުނީ ދުނިޔެ އަނދަމުންދާކަމަށާއި ޤައުމުތަކުގެ އިސްވެރިން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށެވެ ތުންބާރގް ބުނީ ޤައުމުތަކުގެ އިސްވެރިން ދައްކަވަނީ ހުސް ވާހަކަތަކެއްކަމަށާއި ކުރައްވަނީ ދޮގު ހުވައިތަކެއްކަމަށެވެ. އަދި ފަހުގެ ޖީލުތަކުން ކަންބޮޑުނުވުމަށް އެބޭފުޅުން ގޮވާލެއްވި ނަމަވެސް މައްސަލަ ޙައްލުކުރުމަށް އެއްވެސް ކަމެއް ނުކުރައްވާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
ޓްރަމްޕާއި ތުންބާރގާއި ދެމެދު މީގެ ކުރިންވެސް ބަހުގެ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.