ޚަބަރު

ނިއުކްލިއަރ މަޝްވަރާތަކުގެ މުހުލަތު ހަމަވެފައިވާތީ އުތުރު ކޮރެއާއިން އައު މަގެއް ހޯދަނީ


އުތުރު ކޮރެއާގެ ނިއުކްލިއަރ މައްސަލައިގައި އެޤައުމާ އެމެރިކާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ މުހުލަތު ހަމަވެފައިވާތީ އުތުރު ކޮރެއާއިން އާ މަގެއް ހޯދާނެކަމަށް ބުނެފިއެވެ.

އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވަނީ 2019ވަނަ އަހަރު ނިމުމުގެ ކުރިން ނިއުކްލިއަރ މަޝްވަރާތަކުން އެއްބަސްވުމެއް ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް އަހަރު ނިމުނުއިރުވެސް ދެފަރާތަށް އެކަށިގެންވާ ގޮތެއްގައި މަޝްވަރާތައް ބޭއްވިފައެއް ނުވެއެވެ.

ނިއުކްލިއަރ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން އދން ސުވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާއިން އދއަށް ކަނޑައަޅާފައިވާ މިޝަންގެ ކައުންސިލަރ ޖޫ ޔޮންގް ޗޮލް ވިދާޅުވީ ދެފަރާތުން އެއްބަސްވި މުހުލަތާ ޚިލާފަށް މަޝްވަރާތައް ކުރިއަށްގެންގޮސްފައި ނުވާކަމަށާއި އުތުރު ކޮރެއާއިންވެފައިވާ ވަޢުދުތަކަށް އިޙުތިރާމް ކުރަންޖެހޭ ސަބަބެއް ނުފެންނަކަމަށެވެ. އަދި ޙާއްސަގޮތެއްގައި އެމެރިކާއިންވެފައިވާ ވަޢުދުތައްވެސް ފުރިހަމަކޮށްފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖޫވަނީ އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ އެކަން ކުށްވެރިކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އެއީ އަނިޔާވެރި ލާއިންސާނީ ފިޔަވަޅުތަކެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭނަމަ އުތުރު ކޮރެއާއިން ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނައްތާނުލާނެކަމަށް އެނާވަނީ ވިދާޅުވެފައެވެ.

އެމެރިކާއިންވަނީ އުތުރު ކޮރެއާގެ ވާހަކަތަކުގެ ސަބަބުން ހިތްހަމަނުޖެހުން ފާޅުކޮށް، ވީހާވެސް އަވަހަށް މަޝްވަރާގެ މޭޒަށް އަންނާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.