ޚަބަރު

ފާޑު ކިޔަމުންދަނިކޮށް ޖެންޑަރ މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުގެ ވެރިން ބަދަލުކޮށްފި


ޖެންޑަރ މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ބަދަލުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ އެންމެ ބޮޑު އެއް ޑިވިޝަން، ސޯޝަލް ސާވިސް ޑިވިޝަންގެ މަޤާމުތަކަށްވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކްރަމް ހުސައިން އާއި ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ އަޝްރަފު ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ. އަޝްރަފު ހުންނެވީ އެ ޑިވިޝަންގެ ސުޕަވައިޒަރަކަށެވެ .
މި ދެބޭފުޅުންގެ ބަދަލުގައި ޖެންޑާ މިނިސްޓްރީގެ އެހެން ދެ މުވައްޒަފަކާ ސޯޝަލް ޑިވިޝަންގެ ހިންގުންވަނީ ހަވާލުކޮށްފައެވެ.

ސޯޝަލް ޑިވިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ ހާލަތު ބެލެހެއްޓުމާއި މެންޑޭޓާ ގުޅިގެން ހުށަހަޅާ މައްސަލަތައް، ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބެލެހެއްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާއި އަންހެނުންގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެއެވެ.

ރަށްރަށުން ހުށަހަޅާ މައްސަލަތައް ބަލާނީ އެ އަތޮޅެއްގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުންނެވެ. އަތޮޅުތައް ސުޕަވައިޒު ކުރާނީ އެ މިނިސްޓްރީގައި ތިބޭ ސުޕަވައިޒަރުންނެވެ.

މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އެމިނިސްޓްރީން ވިދާޅުވީ މަޤާމުތައް ބަދަލުކޮށްފައިވަނީ މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންކަމަށާއި މިކަމަކީ އޮންނަ އުޞޫލްގެ ދަށުން ކުރަމުންދާކަމެއްކަމަށެވެ.

މިނިސްޓްރީން ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިން ބަދަލުކޮށްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި އާއި ކާފަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވުމުގެ ތުހުމަތާ އެކު، ކުޑަކުދިންނާ ގުޅޭ އެފަދަ ކަންކަން ބެލުމުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ.