ޚަބަރު

"ބްރައުން ވިޑޯ" އިތުރު ރަށްތަކުން ފެންނަނީ ރައްކާތެރިވޭ


"ބްރައުން ވިޑޯ" ފައި ދިގު މަކުނު މާލެ އަތޮޅުގެ އެހެން ދެ ރަށަކުން ފެނިފައިވާތީ އެކަމަށް ސަމާލުވާން ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. މި ބާވަތުގެ ފައިދިގު މަކުނު ފުރަތަމަ ފެނިފައިވަނީ ކ.މާފުށިންނެވެ. އަދި މިހާރު މިބާވަތުގެ ފައިދިގުމަކުނުވަނީ ހުރާ އާއި ތުލުސްދޫންވެސް ފެނިފައެވެ.

ބްރައުން ވިޑޯ ނުވަތަ އެ މަކުނުގެ ބިސް ހާއްޔެއް ފެނިއްޖެ ނަމަ، ހަން ހުރަހެއް ބޭނުންކޮށްގެން އެ ތަކެތި ނެގުމަށް ފަހު އަންދާލަން ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ މަކުނުގެ ބިސް ހާލި ހުންނަނީ އަލި މުށި ކުލައެއްގައެވެ. އަދި އެކި ތަންތަނުން ކުދިކޮށް އުފުލިފައި ހުރެއެވެ. ބްރައުން ވިޑޯއެއް ބިސް އަޅާތާ 20 ދުވަހުގެ ތެރޭގައި އެ ތަކެތި ވިހައެވެ.

ގޭތެރެ އާއި ޖޯލި ފަދަ ތަންތަނުގައި އިށީނުމުގެ ކުރިން މި ބާވަތުގެ މަކުނު ނުވަތަ އެތަކީގެ ބިސް ހާލި ހުރިތޯ ބަލާ ޗެކް ކުރަން ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އެކި ސަރަހައްދުތަކުން ފެންނަމުންދާ މި މަކުނުން ސަލާމަތް ވުމަށް ބޭނުންކުރެވޭނެ ކެމިކަލް އަކީ ކޮބައިކަން ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ ވެކްޓަރ ކޮންޓްރޯލް ޔުނިޓުން އަންނަނީ ކުރަމުންނެވެ.

އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުން އާންމުކޮށް ފެންނަ މި ބާވަތުގެ ފައި ދިގު މަކުނަކީ،"ބްލެކް ވިޑޯ" ފައި ދިގު މަކުނާ އެއް އާއިލާއެއްގައި ހިމެނޭ މަކުނެކެވެ. ބްލެކް ވިޑޯއަށް ވުރެ މި މަކުނުގެ ވިހަ ބާރުގަދަ ނުވި ނަމަވެސް، ބްރައުން ވިޑޯ އަކީ ވެސް ނުރައްކާތެރި ވިހަ ފައި ދިގު މަކުނެކެވެ. ނަމަވެސް އެ ދަތްއަޅާ އިރު ވިހައިގެ އަސަރަށް ވުރެ ގެއްލުން ވާނީ އެ ދަތް އަޅާފައިވާ ތަނަށެވެ. ބްރައުން ވިޑޯ މަކުނެއް ދަތްއެޅުމުން އެތަން ސާފުކޮށް، އައިސް ޕެކެއް ފަދަ އެއްޗެއް ބޭނުންކޮށްގެން އެތަނެއް ދުޅަވާ މިންވަރު ކުޑަކުރެވޭނެއެވެ.