ކުޅިވަރު

ކުޅިވަރު ޙަބަރު ލިޔުމުގައި ބައެއް ނޫސްވެރިން ޒިންމާދާރުވާންވެއްޖެ: ސުޒޭން


ކުޅިވަރު ޙަބަރު ލިޔުމުގައި ބައެއް ނޫސްވެރިން ޒިންމާދާރުވާން ވެއްޖެކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ދިވެހިރާއްޖޭގެ ކުޅިވަރު ނޫސްވެރިންނަކީ މީހުންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ ބައެއްކަމަށެވެ. އެހެންކަމުން ކުޅިވަރު ޙަބަރުތައް ލިޔާ ނޫސްވެރިން ވަކި މީހަކު ޕްރޮމޯޓް ކުރުމަށް ކެމްޕޭން ކުރުން ކަހަލަ ކަންތައްތަކަކީ ކުރީ ޒަމާނުގައި ކުރާ ކަމެއްކަމަށް ސުޒޭން ބުންޏެވެ.

"ކަންކަމުގައި މިއީ ސްޕޮންސާޑް ހަބަރު މިއީ ކެމްޕޭން ކުރުން ކަހަލަ ކަންތައްތަކަކީ ކުރީ ޒަމާނުގައި ކުރާ ކަމެއް. ދިވެހިރާއްޖޭގައި ކުޅިވަރު ނޫސްވެރިންނަކީ މީހުންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ ބައެއް. ސިޔާސީ ބައެއް މީހުން އެހެން ބުނެލޭ އެއްޗިސްއަށްވުރެ ކުޅިވަރު ނޫސްވެރިންނަކީ ވަރަށް އިތުބާރުގައި ތިބި ބައެއް." ސުޒޭން ބުޏްޏެވެ.

ސުޒޭން ބުނީ އޭނާ ކުޅިވަރު ނޫސްވެރިން ދަންނަން ފެށި 1988 ހިސާބުގައި ކަމަށާއި އޭރު ކުޅިވަރު ނޫސްވެރިންނަކީ އެއްވެސް ވަރަކަށް ސްޕޮންސާޑް ޙަބަރު ލިޔާ ބައެއް ނޫންކަމަށެވެ. ސުޒޭން ބުނީ މިފަހަކަށް އައިސް މިކަހަލަ ޙަބަރުތައް ފެންނާތީ ލަދު ގަނެ ހިތާމަކުރާކަމަށެވެ. ސުޒޭން ބުނީ، ވަކި ކަމަކަށް ވަކި އަމާޒަކަށް މީހަކު ބުނެގެން އެމީހަކު ހިތްހަމަޖައްސަން ޙަބަރު ލިޔާ ސްޓައިލަށް ކުޅިވަރު ނޫސްވެރިން ހަބަރު ނުލިޔާނެކަމަށެވެ.