ދެކުނުގެ ރަށެއްގައި 3 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 76 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު އެކެއްޖެހި އިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވި ހިސާބުން، އެކި ރަށްރަށުން ދަނީ މިފަދަ މައްސަލަތައް ފެންމަތިވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިފަދަ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް"ދޭ މައްސަލަތަކެއްކަން ފާހަގަކުރައްވައި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް އަވަސްގޮތެއްގައި ބަލައި ޙައްޤު އަދަބު ދިނުމަށްވެސް ގޮވާލާފައެވެ.