ޚަބަރު

ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށީ ކައުންސިލުން ދޫކުރަނީ


ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރަން ނިންމައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ދެމެދުވަނީ ސޮއިކޮށްފައެވެ.

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމަށް، ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރު އަލްފާޟިލް އިބްރާހީމް ރަޝީދެވެ. ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދެވެ.

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމުގެ ކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އެ އަތޮޅު ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން ލައިސަންސް ބޭނުންވާ ފަރާތްތަކުން އަތޮޅު ކައުންސިލް ހުންނަ ރަށްކަމަށްވާ، ދިއްދުއަށް ގޮސް ލައިސަންސް ނަގަން ދިމާވާ ދަތި ތަކަށް ޙައްލެއް ލިބިގެންދާނެއެވެ.

މިއެއްބަސްވުމުގައި އިއްޔެ ސޮއިކުރުމާ ގުޅިގެން ހޯރަފުށީން ލައިސަންސް ލިބޭނެގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ.