ޚަބަރު

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ދެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފި


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއަށް ޑީން އެއް އައްޔަންކޮށް ޔުނިވަރސޓީގެ ރަޖިސްޓްރާގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޑީންއަކަށް އައްޔަންކޮށްފައިވަނީ ޒީނަތު ޞާލިހްއެވެ. އަދި ޔުނިވަރސިޓީގެ ރަޖިސްޓްރާގެ މަޤާމަށް އައްޔަންކޮށްފައިވަނީ މުޙައްމަދު ޟާމިރެވެ. ޒީނަތު ޞާލިހަކީ 1999 ވަނަ އަހަރުންފެށިގެން އެމްއެންޔޫގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި މުޙައްމަދު ޟާމިރަކީ 2011 ވަނަ އަހަރު އެ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. މީގެ ކުރިން ޟާމިރު ހުންނެވީ ޔުނިވަރސިޓީގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމުގައެވެ. މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންގެ މަޤާމުގެ މުއްދަތަކީ 4 އަހަރުދުވަހެވެ.

މަޤާމުތަކަށް މީހުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒަށް އަލަށް އައްޔަންކުރެއްވި ޑީން، ޒީނަތު ޞާލިޙް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި ދިރާސާ ކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެ ފުރުޞަތު ހޯދާދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އަޑު:
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ އައު ރަޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވީ އެ މަޤާމާ ހަވާލުމުމަށްފަހު ކުރައްވާނެ އެއްމެ މުހިއްމު އެއް މަސައްކަތަކީ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމް އަފްގްރޭޑް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި ސިސްޓަމްގެ މަސައްކަތް އޭޕްރީލް މަހު ނިންމާ ބޭނުންކުރަންފަށާނެކަމަށާއި، ދަރިވަރުންނަށް ކޯސްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޑު:
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިން މާސްޓާރސް ފެންވަރުގެ ކޯސްތައްވެސް ކުރިއަށް ގެންދާ ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގެ އެކި ފެކަލްޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގައެވެ.