ޚަބަރު

ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާހުގައި ކެނޑިޑޭޓް ނަންބަރު ތަކުރާރެއްނުވާނެ - އީސީ


ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުނަންބަރު ތަރުތީބުކުރާނީ އެއްނަންބަރެއް ތަކުރާރު ނުވާގޮތަކަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤައުމީ ލަފާދޭ ކޮމިޓީގެ 7ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި 4 ވޯޓެއް އެއް ކަރުދާހުގައި ހިމެނޭނެކަމަށެވެ. އެއީ ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލް ރައީސް، ރަށު ކައުންސިލްގެ މެމްބަރުން އަދި އަންހެނުންނަށް ޚާއްސަކުރާ ސްލޮޓްކަމަށެވެ. މި ހަތަރު ވޯޓަށް ކުރިމަތިލާ މެމްބަރުންގެ މެދުގައި ގުރުއަތުލުމަށްފަހު ނަންބަރު ތަރުތީބު ކުރެވިގެންދާނީ 4 ވޯޓަށް ކުރިމަތިލެއްވި މެމްބަރުންގެ މެދުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތަކަށް މިކަން ކުރަންޖެހުނީ ވޯޓް ކަރުދާހުގައި އެއްނަންބަރުތަކެއް ތަކުރާރުވެއްޖެނަމަ ބައެއް ފަރާތްތަކަށް ވޯޓް ދިނުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެތީ އެކަމަށް ބެލުމަށްފަހުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަނުން އިންތިޚާބްގައި ކެންޑިޑޭޓް ނަންބަރު ތަރުތީބް ކުރުމަށް ހަމަޖެހިފައިވާ ގޮތާމެދު ގައުމީ ލަފާދޭކޮމިޓީގެ މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ވޯޓް ކަރުދާސް ކުލަކޮށް ޗާޕްކުރާނަމަ ކޮންމެ ނަންބަރެއް ކެންޑިޑޭޓުންނަށް ދިނަސް މައްސަލައެއް ކުރިމަތި ނުވާނެކަމަށެވެ. އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާއިއެކު ކައުންސިލް އިންތިޚާބުގައި ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށް ހަމަޖެހިފައިވަނީ ކުލަކޮށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ރައްޔިތުން ވަކިން ޚާއްސަކޮށް ސިޔާސީ ޕާޓީތަކުގެ މެމްމަބަރުންނަށް ވޯޓް ކަރުދާހުގައި ޕާޓީގެ ލޯގޯފެންނަން އޮންނަންޏާ މައްސަލައެއް ކުރިމަތިނުވާނެ. ރައްޔިތުންނަށްވެސް މިހާރު އިންތިޚާބްތައް ކުރިއަށްދާ ގޮތް ވަރަށް ރަނގަޅަސް އެގޭ." އަލީ ނިޔާޒު ވިދާޅުވިއެވެ.

ޤައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ސައްޚަ ވޯޓާއި، ބާތިލް ވޯޓް ކަނޑައަޅާނެ ގޮތަކާއިމެދުވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.