ޚަބަރު

ނުރައްކަލަށް ހުށައެޅިފައިވާ ކުދިންނާއި ޢާއިލަތައް ދެނެގަންނާނެ މިންގަނޑު އެކުލަވާލައި މަޖިލީހަށް ފޮނުވައިފި


ނުރައްކަލަށް ހުށައެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލަވާލާ ޖެންޑަރ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޢާއިލާތައް ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރާ ބެލެނިވެރިން ހިމެނޭ ޢާއިލާއެއްނަމަ، ނުވަތަ ޢާއިލާގެ ތެރޭގައި ޖިންސީގޯނާގެ ޢަމަލެއްހިންގާ މީހެއް ހުރިކަން ފާހަގަވެއްޖެނަމަ އެއީ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ އާއިލާއެއްކަމަށް ނިންމާ މިހާރު އެގޮތަށް ފާހަގަވެފައިވާ އާއިލާތައް ދެނެގަތުމަށް ކްރައިޓީރިއާއެއް ކަނޑައަޅާދިނުމަށް ޖެންޑަރ މިނިސްޓަރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ދެ އަހަރުނުވާ ތުއްތުކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ މިވަގުތަށް ކޮންމެހެން ނިންމާ އަމަލުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން މަޖިލީހުގެ ރައީސާ ޙިއްސާ ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޛުކުރެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވާފައެވެ.

ދެ އަހަރުނުވާ ތުއްތުކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމަށް ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުން،
  • ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަތުމަށް އެކުލަވާލައްވާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މަޢުލޫމާތު ދިރާސާކުރައްވައި، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރައްވައި މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލެއްވުން؛
  • ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މައްޗަށް އެކުލަވާލައްވާ ދަފްތަރުގައި މި މަޢުލޫމާތު ހިމެނުއްވުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދަޢުވާއުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖަޢާކޮށް، މިފަދަ މީހުން މޮނިޓަރކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލެއްވުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވާ، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުން
  • ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ ޕަރފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހައްދަވާ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ހިއްސާކުރެއްވުން
  • 2009 ވަނަ އަހަރު ޤާއިމްކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެއްޓެވުން


މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މި ނިންމެވުންތައް ކޮމިޓީން ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ތަންފީޛުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވާފައެވެ.