މުނިފޫހިފިލުވުން

އަންނަ މަހު "މާމުއި" އާއި "ގޮށްރާޅު"އަލުން އޮލިމްޕަަހަށް

ޑާރކްރެއިން އެންޓަޓެއިންމަންޓް އިން މިދިޔަ އަހަރު ގެނެސްދިން، ގިނަ ބައެއްގެ މަޤުބޫލްކަން ހޯދި "މާމުއި" އާއި "ގޮށްރާޅު" އޮލިމްޕަހުގައި އަލުން ދައްކަން ނިންމައިފިއެވެ. މިދިޔަ އަހަރު ރިލީޒްކުރި މި ދެ ފިލްމްގެ ފުރަތަމަ ޝޯއާއެކު އެތައްބައެއްގެ ތަރުހީބު އެފިލްމުތަކަށް އަންނަނީ ލިބެމުންނެވެ.

އާއްމުންގެ ތަރުޙީބާއެކު އަލުން މި ފިލްމު އެޅުވުމަށް ޑާރކްރެއިން އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން "މާމުއި" މިފިލް އަންނަ ފެބްރުއަރީ މަހުގެ 6 އަދި 8 ވަނަ ދުވަހު އޮލިމްޕަހުގައި ދެއްކުމަށްވަނީ ނިންމާފައެވެ. އަދި "ގޮށްރާޅު" ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 އާއި 7 ވަނަ ދުވަހުއެވެ. އަދި މި ދެ ފިލްމުގެ ޓިކެޓް ވިއްކަން މިހާރުވަނީ ފަށާފައެވެ.

މާލޭގައި "މާމުއި"ގެ ހައުސްފުލް 18 ޝޯއެއް ކުރިން ދައްކާފައިވާއިރު އަތޮޅުތަކުގައިވެސް މި ފިލްމު ވަނީ ދައްކާފައެވެ. އަދި "ގޮށްރާޅު"ގެ 16 ޝޯއެއް އޮލިޕަހުގައި ދައްކާފައިވާއިރު ޝްވެކް ސިނަމާގައި 10 ޝޯވަނީ ދައްކާފައެވެ.

"މާމުއި" ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މާމުއި ފުޅިއެއް ހޯދަން ބަޔަކު އުޅޭ ގޮތެވެ. އެންމެ ފަހުން އެކަން ނިމެނީ ހިތައްވެސް ނާރާގޮތަށެވެ. މިފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރާކާތްތެރިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެއެވެ.

"ގޮށްރާޅު"އަކީވެސް އާއްމުންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިފައިވާ ފިލްމެކެވެ. މި ފިލްމަކީ މުޖުތަމައުގައި ދިމާވާ ޢާއްމު މައްސަލަތަކަށް ތައްޔާރުކޮށްފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ.

މިދިޔަ އަހަރުގެ ކާމިޔާބު ފިލްމްތަކާއެކު ޑާރކްރެއިން އެންޓަޓެއިންމަންޓުން މިހާރު އަންނަނީ ފިލްމް "ނޮވެމްބަރ"ގެ މަސައްކަތް ކުރަމުންނެވެ. "ނޮވެމްބަރ" މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ބެލުންތެރިން ބަލައިގެންފައިވާ ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

މި ދެތަރިންގެ އިތުރުން 90ގެ އަހަރުތަކުގައި ދިވެހި ފިލްމް އިންޑަސްޓްރީގައި އާންމުންގެ ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އިސްމާޢީލް ވަޖީހާއި "މާމުއި"އިން ތަފާތު އެކްޓިންއެއް ދެއްކި އިޔާދާގެ އިތުރުން މަޝްހޫރު އެތައް ފަންނާނުންތަކެއް މިފިލްމުން ފެނިގެންދާނެ ކަމަށް ޑާކްރެއިނުން ބުނެއެވެ. މި ފިލްމަކީ ލޯބީގެ ފިލްމެކެވެ.

ފިލްމު ޝޫޓް ކޮށްފައިވަނީ ރާއްޖޭގެ އިތުރުން ސިންގަޕޫރުގައެވެ. ފިލްމު ސިނަމާއަށް އަންނާނެ ވަކި ތާރީޚެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް މިއަހަރުގެ މެދެއްހާ ހިސާބުގައި ފިލްމު "ނޮވެމްބަރ" ސިނަމާތަކަށް އަންނާނެކަމަށް ޑާކްރެއިނުން ބުނެއެވެ.

ޑާރކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބަޅިނދު" ގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި "ކައިވެނީގެ އަމާޒް" ނަމުގައި ފިލްމެއް ވަނީ އިޢުލާނުކޮށްފައެވެ.