ޚަބަރު

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަޙްމަދު މުޙައްމަދުފުޅު އައްޔަންކުރައްވައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު އައްޔަންކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ކުރިން ހުންނެވި ހެންވޭރުމާފިޔަ، ޢަބްދުﷲ މުނާޒް އެ މަގާމުން މިއަދު ވަނީ ވަކިކުރައްވާފައެވެ.

މި ބަދަލަކީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ސަރުކާރުން ގެންނެވި ބަދަލެއްކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު ޢައްޔަންކުރެއްވި އަޙްމަދު މުޙައްމަދުފުޅު އައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އަޙްމަދު މުޙައްމަދުފުޅު އެންމެ ފަހުން އަދާކުރެއްވީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމެވެ. އަޙްމަދު މުޙައްމަދު ފުޅު ވަނީ ޤައުމީ ޔުނިވަރސިޓީން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވައި، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައެވެ.