ޚަބަރު

އެއިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ދިވެހި ޑޮކްޓަރުންނަށް "އިމޭޖް ގައިޑްގެ ތެރަޕީ" ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި


އިންޑިއާގެ ދިއްލީގައި ހުންނަ "އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް" އެއިމްސް ގެ ފަރާތުން ދިވެހި ޑޮކްޓަރުންނަށް އިމޭޖް ގައިޑްގެ ތެރަޕީ ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އެއިމްސް ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ވަފްދަކުންނެވެ.

އެއިމްސްގެ ޑޮކްޓަރުންގެ މި ދަތުރަކީ މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ސޮއި ކުރި "މެމޮރެންޑެމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތް"ގެ ދަށުން ކުރި ދަތުރެކެވެ. މި އެއްބަސްވުމުގެ ދަށުން ބޭއްވި ފުރަތަމަ ވޯރކިން ގުރޫޕްގެ ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

އެއިމްސްގެ ޑޮކްޓަރުންގެ މިފަހަރުގެ މިދަތުރުގައި ވަނީ ދެޤައުމުގެ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތައްވެސް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ސިއްހީދާއިރާގެ އިތުރު ވޯކްޝޮޕްތައް ހިންގުމާއި، ޓެލެމެޑިސިން ފެސިލިޓީގެ ބޭނުންހިފުމާއި، ޓެކްނީޝަނުން ތަމްރީންކުރުމުގެ އިތުރުން އެއިމްސް އާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުން ގުޅިގެން ރިސާޗް ޕްރޮޖެކްޓް ހިންގުން ފަދަ ކަންކަކް ހިމެނެއެވެ.

ސިއްހީ ދާއިރާއިން މީހުން ބިނާ ކުރުމުގެ އިތުރުން ފަންނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.