ޚަބަރު

މާފުށިން ފެންނަނީ ބްރައުން ވިޑޯ، ސަމާލުވާން އަންގައިފި


ކ. މާފުށީ އެކި ސަރަހައްދުތަކުންނާއި ގޯތިގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯކަމަށް ހެލްތު މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

މާފުށި ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ހެލްތު މިނިސްޓްރީއާ ހަވާލާދީ ވިދާޅުވީ އެ ރަށުގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ މަކުނުން ސަލާމަތް ވުމަށް ބޭނުންކުރެވޭނެ ކެމިކަލް އަކީ ކޮބައިކަން ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ ވެކްޓަރ ކޮންޓްރޯލް ޔުނިޓުން ކުރަމުން އަންނަކަމަށެވެ.

އަދި މިވަގުތަށް ބްރައުން ވިޑޯ މަކުނު ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި އެ އެއްޗެއް އަންދާލުން ނޫން ގޮތަކަށް ނައްތާނުލުމަށް މިނިސްޓްރީން އިރުޝާދު ދީފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ. އަދި މިޒާތުގެ މަކުނެއް ނުވަތަ ބިސް ފެނިއްޖެނަމަ، ހަން ހުރަހެއް މެދުވެރިކޮށް ނަގައި އަންދާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މާފުށީ ކައުންސިލުން ބުނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މުޅި ރަށް ބަލާ ފާސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މީހުން ދިރިއުޅޭ ގޯތިގެދޮރާއި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލާ އެތަކެތި އެންދުމަށް މާފުށީ ކައުންސިލުން އިރުޝާދު ދެއެވެ.

ބްރައުން ވިޑޯއަކީ ބްލެކް ވިޑޯއަށް ވުރެ ނުރައްކާތެރިކަން ކުޑަ މަކުނެކެވެ.