ވިޔަފާރި

ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި


ދިވެހިރާއްޖޭގެ ކުންފުނިތަކަށް ސްރީލަންކާގެ ސްޓޮކް
މާކެޓް މެދުވެރިކޮށް ފަންޑު ހޯދާދިނުމަށްޓަކައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއިން ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.



މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން
މައުލޫމާތުދޭގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން، ރާއްޖޭގެ ސްޓޮކް މާކެޓް
މެދުވެރިކޮށް ކުންފުނިތަކަށް ފަންޑު ހޯދުމުގެ ނިޒާމް ވަރުގަދަކުރުމަށްޓަކައި،
'ކްރޮސް ބޯޑަރ ލިސްޓިންގ' ތަޢާރަފުކޮށް، ރާއްޖޭގެ ކުންފުނިތަކަށް އިތުރު ފުރުޞަތުތައް
ފަހިވެގެންދާނެ ކަމަށެވެ.



މިފަދަ އެއްބަސްވުމެއްގެ ދަށުން، މިހާރު މޯލްޑިވްސް
ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރަން ބޭނުންވާ ފަރާތްތަކުން، ކޮލަމްބޯ ސްޓޮކް
އެކްސްޗޭންޖް މެދުވެރިކޮށް ޑުއަލް ލިސްޓްކުރުމަށްފަހު، ރާއްޖޭގައި ތިބި
އިންވެސްޓަރުންގެ އިތުރުން، ސްރީލަންކާގައި އިންވެސްޓްކުރަމުންދާ އިންވެސްޓްމަންޓް
ފަންޑުތަކުގެ ޝައުގުވެރިކަން ހޯދުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވެގެންދާނެ އެވެ.



މީގެ އިތުރުން، ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް
އިންވެސްޓްމަންޓް ޑައިވަރސިފައިކުރުމަށްޓަކައި، 'ކްރޮސް ބޯޑަރ އިންވެސްޓްމަންޓ'ް 
ޕްރޮމޯޓްކުރުމަކީވެސް މި އެމް.އޯ.ޔޫގެ ދަށުން މަސައްކަތްކުރުމަށް
ކަނޑައަޅާފައިވާ ދާއިރާއެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މައުލޫމާތުދެއެވެ.



މިއެއްބަސްވުމުގައި
ސޮއިކުރުމާގުޅިގެން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީ.އީ.އޯ ހަސަން މަނިކު
ވިދާޅުވެފައިވަނީ "މިއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށާއި ރާއްޖެއަށް
ބޮޑެތި ކުރިއެރުންތަކެއް ހޯދާދޭނެ އެއްބަސްވުމެއް ކަމަށެވެ. ޕްރޮފިޓަބަލް ދާއިރާތަކުގައި ފަންޑު ނެތިގެން
ފުރިހަމަނުކުރެވި ހުރި ގިނަ ޕްރޮޖްކްޓްތައް އެބަހުރި  ކަމަށާއި މިހާތަނަށް
ހުރިހާ ކަމެއްގައިވެސް އެފަރާތުގެ ފަންނީ އެހީ ރާއްޖޭގެ ސްޓޮކް މާކެޓަށް ދިނުމަށް
ވާހަކަ ދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.



މިއެމް.އޯ.ޔޫގައި ސޮއިކުރުމުގެ ހަފްލާގައި ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖްގެ ޗެއަރމަން މިސްޓަރ ވަޖީރާ
ކުލަތިލަކަ އަދި ޗީފް އެގްޒެކެޓިވް މިސްޓަރ ރަޖީވާ ބަންޑާރަނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.