އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދަޢުވާގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވެއެވެ. ދައުލަތުން ކޮށްފައިވާ ޚިޔާނާތުގެ ޝަރީއަތް މިއަދަށް ޝެޑިއުލް ކުރުމަށްފަހު ކެންސަލް ކޮށްފައިވަނީ އަދީބްގެ ވަކީލުން އެކަމަށް އެދިވަޑައިގަތުމުންނެވެ. އަދީބްގެ ވަކީލުންވަނީ މައްސަލަ އިތުރަށް ދިރާސާކުރަން ވަގުތުބޭނުންވާތީ އެކަމަށް އެދިވަޑައިގެންފައެވެ. ކޯޓުންވަނީ މިމައްސަލާގައި އަދީބްގެ ވަކީލުން އެދިވަޑައިގެންވިގޮތަށް މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަގުތުދިނުމަށްޓަކައި މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައެވެ.
އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކޮށްފައިވާ 7 ދައުވާގެ ތެރޭގައި ހިމެނެނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
އަދީބަށް ކުރާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޝަރީއަތް މިއަދު ފަށަން ތާވަލްކުރިއިރު ފުރުން މަނާ ކޮށްފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި އަދީބަށް އިއްވާފައިވާ 3 މަހާއި 18 ދުވަހުގެ ހުކުމް މިމަހުގެ 3 ވަނަ ދުވަހުވަނީ ހަމަވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ޚިޔާނާތުގެ ދައުވާތަކާގުޅިގެން ކޮށްފައިވާ ހުކުމް މިހާރުދަނީ ތަނަފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމުގައި ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަދީބްގެ މައްޗަށް މީގެ ކުރިންވަނީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވުމާއި ގުޅިގެންނެ 33 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ނަމަވެސް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމްތައް ބާޠީލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.