ޚަބަރު

ހަމަދު ސްކޫލްގެ ކުލާސްރޫމެއްގެ ފަންކާއެއް ވެއްޓި 2 ކުއްޖަކަށް އަނިޔާވެއްޖެ


ހައްދުން މަތީ ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ ކުދިން ކިޔަވަމުންދިޔަ ކްލާސްރޫމެއްގައި ހުރި ސީލިންގ ފަންކާއެއް ވެއްޓި 2 ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ ފަންކާ ވެއްޓުމުގެ ސަބަބުން އަނިޔާވި 2 ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.

ނަމަވެސް ކުދިންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

ސީލިންގ ފަންކާ ވެއްޓިފައި ވަނީ ގުރޭޑު 7ގެ ދަރިވަރުން ކިޔަވަމުންދާ ކްލާސްރޫމެއްގައެވެ. ފަންކާ ވެއްޓެއް މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ. މިހާދިސާ އާއި ގުޅޭގޮތުން ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މީޑިއާތަކުގައި މައްސަލަ ބޮޑުކޮށްގެން އުޅޭވަރުގެ ބޮޑުކަމެއް ނުހިންގާކަމަށެވެ.

މީގެކުރިން ދެހާހުގެ ކުރީކޮޅު މާލޭގެ ސްކޫލެއްގައި ހިނގި ފަންކާ ވެއްޓުމުގެ ހާދިސާއެއްގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ސްކޫލްތަކުގައި ހިނގާ މިފަދަ ކަންކަމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެވެ.

ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ ޙާދިސާތައް ނުހިންގާނެ ފަދަ ރައްކާތެރި މާހައުލެއް ސްކޫލްވެށީގައި ޤާއިމުކުރުމަކީ މިނިސްޓްރީން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.