ޚަބަރު

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ކުރާމީހުންނަށް ދޭންވީ މަރުގެ އަދަބު - ޑީއާރުޕީ


ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މެރުން" ކަމުގައި ހެދުމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީސްގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ޑީއާރުޕީން އެދިވަޑައިގެންފިއެވެ.

ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވެންއޮތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށާއި އަދި މިހާރު ހެދިފައިވާ ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

އަދި މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ތާއީދުކޮށްދެއްވުމަށް އެބޭފުޅުން އަރިހު އާދޭހާއިއެކު އެދިވަޑައިގަންނަވާކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލީސްގެ ޚާއްޞަ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން ޖާބިރުވަނީ އެދިވަޑައިގެންފައެވެ.

"ޤާނޫނުގައި ކަނޑައަޅުއްވާފައި އޮންނަނީ އަދަބަކީ "ޖަލަށް ލުން" ކަމަށްވާތީ، އެގޮތުގެމަތިން ކުރެވޭ ޙުކުމްތައް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ކުޑަ ދުވަސްކޮޅަކު ބެހެއްޓެވުމަށްފަހު، އޭގެ ތެރޭގައި އެއިރެއްގައި އޮންނަ ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް މަޢާފް ދެއްވައި ދޫކޮށްލައްވަމުން ގެންދަވާ ކަމީ ދެބަސްވެވެން ނެތް ޙަޤީގަތެކެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޖާބިރުގެ ސިޓީގައި ކުޑަކުދިންނަށް ޖިންސީ ގޮތުން ކުރާ އަނިޔާތަކަކީ އެއްވެސް ހާލެއްގައި ބަލައި ނުގަނެވޭ ދަށު ދަރަޖައިގެ އަމަލުތަކެއްކަމުގައި ވަނީ ވިދާޅުވެފައެވެ. ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަކުރާރުވަމުން އަންނާނެ ކަމަށް ޤަބޫލުކުރަން ޖެހިފައިވާތީ، އެޢަމަލުތައް ހުއްޓުވުމަށްޓަކައި މިހިނދުން މިހިނދަށް ފިޔަވަޅުތައް އެޅުއްވުމަށް، ރައްޔިތުންގެ މަޖިލީހަށާއި، ދިވެހިދައުލަތުގެ މައްޗަށާއި، އަދި ދައުލަތުގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ޖާބިރުގެ ސިޓީގައި ގޮވާލައްވާފައިވެއެވެ.