ޚަބަރު

އެކަށީގެންވާ ސަބަބެއްނެތި މައްސަލަތައް ލަސްކުރާ ފަނޑިޔާރުންނާއިމެދު ފިޔަވަޅު އަޅާނަން - ޖޭއެސްސީ


އެކަށީގެންވާ ސަބަބެއްނެތި އާދަޔާއި ޚިލާފަށް މައްސަލަތައް ލަސްވާނަމަ އެކަމުގެ ޒިންމާވާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޖޭއެސްސީގެ ނައިބުރައީސް ވިދާޅުވެއްޖެއެވެ.

ފަޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ފަޑިޔާރުގެތަކުގައި ހުރި އެންމެބޮޑު މައްސަޔަކީ މައްސަލަތައް ލަސްވުންކަމަށެވެ.

ކްރިމިނަލްކޯޓާއި، ސިވިލްކޯޓް އަދި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ހުވައިކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް ވިދާޅުވީ ފާއިތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަނޑިޔާރުގެތަކަށް އިސްލާހީ ހެޔޮ ބަދަކުތަކެއް ގެނެވުނު އަހަރެއްކަމަށެވެ. އެގޮތުން ފަނޑިޔާރުގެތަކަކީ ހުޅުވާލެވިގެން ރައްޔިތުންނާއި ގާތުން މަސައްކަތްކުރެވޭ ތަނަކަށް ހެދިފައިވާ ކަމަށެވެ،

ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމަށްޓަކައި މައްސަލަތައް ތާވަލްކުރުމަށްވެސް ބަދަލުތަކެއް ގެނެވިފައިވާކަމަށް މަސްތޫރު ވިދާޅުވިއެވެ. އަދި މައްސަލައެއް ހުށަހެޅުމުން އެމައްސަލައެއް ކޯޓުން ބަލައި ނުގެންފިނަމަ އިސްތިއުނާފަށް ދިއުމުގެ ފުރުސަތުވެސް ތަނަވަސް ކޮށްދެވިފައިވާކަމުގައި އޭނާ ވިދާޅުވިއެވެ.

"ޖޭއެސްސީއަށް މިދިޔަ އަހަރުގައި ހުށަހެޅުނު 200 ޝަކުވާގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާއަކީ ކޯޓްތަކުން މައްސަލަތައް ލަސްވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ހުށަހެޅިފައިވާ ޝަކުވާ. ޖަލުތަކުގައި އެއްއަހަރު ދެއަހަރު އެއްވެސް ހުކުމަކާއި ނުލައި ޝަރީއަތްނުކުރެވި ބައިތިއްބާ މައްސަލަޔަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް. އަޅުގަނޑުމެން މިފަދަ ކަންކަމައި ފަރުވާކުޑަ ކުރާ ފަޑިޔާރުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މިހާރުވަނީ މަޝްވަރާ ކުރެވިފަ" މަސްތޫރު ވިދާޅުވިއެވެ.

ކްރިމިނަލްކޯޓާއި، ސިވިލްކޯޓް އަދި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ކްރިމިނަލްކޯޓުގެ ފަޑިޔާރަކަށް އަލްއުސްތާޛު އާދަމް މުހައްމަދު، ސިވިލްކޯޓްގެ ފަޑިޔާރުންގެ ގޮތުގައި އަލްއުސްތާޛު އަހުމަދު އަބްދުލް މަތީން، އަލްއުސްތާޛު ފައްޔާޒު ޝާތިރު، އަލްއުސްތާޛާ އައިޝަތު އަފްޒާ އަބްދުލް ޢަފޫރު އަދި އަލްއުސްތާޛާ ރިޒްމީނާ ވަނީ ފަޑިޔާރުކަމުގެ ހުވާކުރައްވާފައެވެ. މީގެ އިތުރުން ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އަލްއުސްތާޛު ފަތުހުﷲ ޖަމީލު މޫސާ އަދި ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އަލްއުސްތާޛު އަބްދުﷲ ހުސެއިން ވަނީ ފަޑިޔާރުކަމުގެ ހުވާކުރައްވާފައެވެ. މި 7 ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ ސްޕްރީމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫނެވެ.

ފަނޑިޔާރުކަމުގެ ހުވާކުރެއްވި ފަރާތްތަކަށް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ހަވާލުވުގެ ކުރިން ޚާއްސަ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޖޭއެސްސީގެ ނައިބް ރައީސް ވިދާޅުވިއެވެ. އަދި ޝަރުއީ ނިޒާމުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އަދުލު އިންސާފާއިއެކު ފަނޑިޔާރުކަން ކުރުމަށް ބާރުއަޅަން ޚާއްސަ ތަމްރީންތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޖޭއެސްސީގެ ނައިބް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މީގެކުރިން ފެނިފައި އެބަހުރި ފަނޑިޔާރުކަމުގެ ހުވާކުރާ ހިސާބުން އެމީހަކީ ބޮޑެތި ހުކުމްތައް ނެރެ ހުކުމްތައް ކުރާ މީހަކަށްވާތަން. މިއީ އެއްނޫން، ކަންކަންވާންޖެހޭ ގޮތަކީ އެކަމެއްގެ ތަމްރީނާއި ތަޖުރިބާ ލިބެޖެހޭނެ. އަޅުގަނޑުމެން އެފަރާތްތަކަށް އެމަގު ފަހިކޮށްދޭނަން." މަސްތޫރު ވިދާޅުވިއެވެ

ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުން ޖޭއެސްސީގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.