ޚަބަރު

މިނިމަމް ވޭޖް މިދައުރުގެ ތެރޭގައި ކަޑައެޅިގެންދާނެ - މަޖިލިސް ރައީސް


މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް ބިލުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިދައުރުގެ ތެރޭގައި އެންމެ ކުޑަ ކުޑައުޖޫރަ ކަޑައެޅިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސައްކަތް ކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މަޖިލިސް ތެރެއިން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ ބިލް ޑްރާފްޓްކޮށް ބިލުގައި ހުރި ކަންކަމާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއި ކުރަންޖެހޭ މަޝްވަރާ ކުރެވިފައިވާކަމަށެވެ. މިއަހަރަށް މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައިވެސް ކުޑަ އުޖޫރަ ކަނޑައެޅުން ހިމެނޭކަމަށް މަޖިސް ރައީސް ވިދާޅުވިއެވެ.

"އެންމެކުޑަ އުޖޫރައިގެ ބިލުގެ ޑްރާފްޓްވަނީ ނިމިފަ. އަދި އެކަންކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ކުރަންޖެހޭ ދިރާސާވެސް ވަނީ ކުރެވިފަ. އެޅުގަނޑަށް ފެންނަ ފެނުމުގައި މިފެށޭ ދައުރުގެ ތެރޭގައި އެބިލު އަޅުގަނޑުމެންނަށް ނިންމެނޭނެ އިރާދާކުރެވިއްޔާ" މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ބޯޑުން ތައްޔާރުކުރި ރިޕޯޓަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ ހުށަހަޅުއްވާފައެވެ. މި ރިޕޯޓާއި މެދު ވަޒީރުންގެ މަޖިލީހުގައި ކުރެވޭ މަޝްވަރާތަކަށްފަހު ރައްޔިތުންގެ މަޖިލީހަށް ރިޕޯޓް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގައި ނިމިދިޔަ އަހަރުގައި ކުރެވިދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ފާއިތުވެދިޔަ އަހަރަކީ މަސައްކަތް ގިނަ އަދި އެހާމެ މުހިންމު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެއްކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާއި ޝަރީއަތުގެ ނިޒާމު އިސްލާހު ކުރެވުމާއި ޓެކްސްގެ ނިޒާމެއް ގެނައުމާއި، މަސްވެރިކަމުގެ ބިލުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުގެ އެތައްމަސައްކަތެއް ކުރެވިފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ މަހު މަޖިލިސް ފެށުމާއިއެކު މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުން ކުރަން ހަމަޖެހިފައިވާކަމަށެވެ. މިހާރުވެސް މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައިވާ 20 ބިލެއްގެ މަސައްކަތް ކުރަން އޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ޚާއްސަކޮށް ހުރި ބިލްތަކުގެ ތެރޭގައި އެންމެ ކުޑައުޖޫރަ ކަނޑައެޅުން، ރިޒޯޓްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުހެ އެލަވަންސް ނުވަތަ ސާވިސްޗާޖާއި ގުޅޭގޮތުން އިންސާފުވެރި ހަމަހަމަ އުސޫލުތަކެއް ގެނައުން، އަދި ވަޒީފާއެއް ހޯދާ މީހުންނަށް އެހީތެރިވެދިނުން. މި 3 ކަމަކީ މިފެށޭ ދައުރުގައި އެންމެ އިސްކަމެއްދޭނެ 3 މަސައްކަތް" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގައެވެ. މިޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާން ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްވަވާނެއެވެ.