ވިޔަފާރި

ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 209 ފަރާތެއްގެ ނަން ހާމަކޮށްފި


ޕެންޝަން
ސްކީމްގައި ބައިވެރިވެ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 209 ފަރާތެއްގެ ނަން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން
އާންމުކޮށްފިއެވެ.



ޕެންޝަނާބެހޭ އޮފީހުން އާންމުކޮށްފައިވާ ނަންތަކުގެ ތެރޭގައި ގއ. ކޮނޑޭ ކައުންސިލް
އިދާރާއާއި ވިލިނގިލީ ހެލްތު ސެންޓަރާއި މޯލްޑިވެސް ޕޮލިޓެކްނިކް އަދި ލޭބަރ
ރިލޭޝަން އޮތޯރިޓީއާއި އައިލެންޑް ކޮމްޕިއުޓަރސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން
ބޮޑު ހުރާ މޯލްޑިވްސްއާއި ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް
ލިމިޓެޑްވެސް ހިމެނެއެވެ.



ޕެންޝަން
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަނީ ތަކުރާރުކޮށް ފައިސާ
ދެއްކުމަށް އެންގުމުންވެސް ފައިސާ ނުދެއްކުމުން ކަމަށާއި ޕެންޝަން ޤާނޫނުގައި
ބުނެފައިވާ ގޮތުން ނަންތައް އާންމުކުރުމުންވެސް ފައިސާ ނުދައްކައިފިނަމަ
އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޕެންޝަނާބެހޭ އޮފީހުން ބުނެފައިވެއެވެ.



ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުން މުއްދަތު ހަމަވުމުގެ ކުރިން ސްކީމަށް ދައްކަންޖެހޭ
ފައިސާ ވަޒީފާ ދޭ ފަރާތުން ނުދައްކައިފި ނަމަ ނުދައްކާ ފައިސާއާއެކު އެފައިސާ
ޕެންޝަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއަކާއެކު ވަޒީފާދޭ ފަރާތުން ދައްކަން ޖެހޭނެއެވެ.



ޕެންޝަން
ސްކީމްއަށް ޖަމާކުރާ ފައިސާ ނެގޭނީ އުމުރުން 65 އަހަރު ފުރުމުން
މަހުންމަހަށް ލިބޭ ޕެންޝަނެއްގެ ގޮތުގައެވެ.