ޚަބަރު

މަޝްރޫޢުތައް ހުއްޓާލަން އެންގެވުމުގައި އަމަލު ކުރާގޮތުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވައިފި


މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ޙާލަތްތަކުގައި އޭސީސީން އަމަލުކުރާ އުސޫލުތަކުގެ މައުލޫމާތު އެކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރެއްވައިފިއެވެ.

އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ޙާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅުއްވާ އުސޫލުތައްފަދަ މައުލޫމާތު އޭސީސީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ.

ހަމަ އެހެންމެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުންވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރައްވައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިންތިޚާބްގެ ކެންޕެއިންގެ ތެރެއިން ހދ.ވައިކަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ލަސްނުވާނޭ ގޮތަށް އޭސީސީން މަސައްކަތްތައް ބައްޓަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ސަރުކާރުން ހިންގާ މަޝްރޫޢުއެއްގައި ރައްޔިތެއްގެ ޝަކުވާއެއް އޮތްނަމަ އެކަން އޭސީސީން ސާފުކޮށްދެވަން ޖޭނެކަމަށާއި، ނަމަވެސް ޝަކުވާ އެއް ހުށަހަޅާތާ އެއްމަސް ނުވަތަ ދެމަސްފަހުން އެކަމުގައި އެއްވެސް ގޯހެއް ނެތްކަން އެންގުމުން މަޝްރޫޢު ހިންގުމަށް ލަސްތަކެއް ކުރިމަތިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.