ޚަބަރު

ޗައިނާގައި ފެތުރެމުންއަންނަ ނިއުމޯނިއާގެ އާ ވައިރަހަށް ޗައިނާއަށްދާ ދިވެހިން ސަމާލުވުމަށް އަންގައިފި


ޗައިނާގައި ފެތުރެމުން އަންނަ ނޭވާލާ ނިޒާމަށް އަސަރުކުރާ "ނޮވެލް ކޮރޯނާ ވައިރަސް"އަށް ރާއްޖެއިން ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ މި އައުޓްބްރޭކްގައި ބަލިވި ގިނަ މީހުންނަކީ ސީފުޑްއާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހުންނާއި، އެފަދަ ތަންތަނަށް އެކި ކަންކަމުގައި ގޮސްއުޅު މީހުންކަމަށެވެ.

މި ބަލި ފެތުރެމުން ނުދާކަމަށް ޗައިނާއިންވަނީ ބުނެފައެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ ޗައިނާގައި މި ބަލި ފެތުރެމުން އަންނަ ހޫބޭ ޕްރޮވިންސްގެ ވުހާންއަށް ދަތުރުކުރާ ފަރާތްތަކުން މި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އަންގާފައެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • ޗައިނާގައި ދޫނިސޫފާސޫފި އަދި ޖަނަވާރު ގެންގުޅެ ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
  • ބަލިމީހުންނާއި ކައިރީގައި ނޫޅުން
  • ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުން
  • ކެއްސާ ކިންބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ބަންދުކުރުން


ޗައިނާއިން މި ބަލި ފެންނަ ހިސާބުކަމަށްވާ ހޫބޭ ޕްރޮވިންސަށް ދަތުރުކުރި ފަރާތެއް ހުންއައިސް ނޭވާލާން އުންދަގޫވުންފަދަ އަލާމާތެއް ފެނިއްޖެނަމަ ސަމާލުވާންވީ ކަންކަމުގެ ތެރޭގައި:

  • އަވަހަށް ޞިއްޙީ ފަރުވާ ހޯދުން
  • ޑޮކްޓަރަށް ދައްކަން ނޫން ގޮތެއްގައި ބޭރަށް ނުނިކުތުން
  • މާސްކް އަޅައިގެން އުޅުން
  • ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ބަންދުކުރުން
  • މި ޢަލާމާތްތައް ފެންނަމީހާ ވޭތުވެ ދިޔަ 14 ދުވަހު ދަތުރުކުރި ތަންތަނުގެ މަޢުލޫމާތު ޞިއްޙީ ޚިދުމަތްދޭ ފަރާތާއި ޙިއްސާކުރުން