ޚަބަރު

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނާއި ދިވެހިންގެ ހުނަރު ދައްކާލުމުގެ އެގްޒިބިޝަނެއް ފަށައިފި


ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންންނާއި ދިވެހިންގެ ހުނަރު ދައްކާދިނުމައް ޚާއްސަ އާޓް އެގްޒިބިޝަނެއް ފަށައިފިއެވެ.

"އެތެން ބޫމް"ގެ ނަމުގައި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް އެގްޒިބިޝަން ހުޅުއްވާދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މި އާޓް އެގްޒިބިޝަންގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން، އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ ޑރ. ސައިދް ތަންވީރު ނަސްރީން ވިދާޅުވީ މި އެގްޒިބިޝަންގައި 9 އާޓިސްޓުން ބައިވެރިވާކަމަށެވެ. އެގޮތުން މި އެގްޒިޝިބަންގައި އާންމު ދިރިއުޅުމުގައި ގެންގުޅޭ ތަކެއްޗާއި، ދިވެހި އަދި އިންޑިއާގެ ސަޤާފީ އެތައް އުފެއްދުންތަކެއް ހުންނާނެކަން ތަންވީރު ފާހަގަކުރެއްވިއެވެ. ތަންވީރު ވަނީ މި ހަރަކާތަކީ ދިވެހި ހުނަރުވެރިންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ސިފަކުރައްވާފައެވެ.

"މިއާ ރަނުގެ ފުރުސަތެއް މަސައްކަތްތެރިންނަށް. މިތަނުން ރަންގޯލީ ފަދަ އިންޑިއާގެ ސަޤާފަތް ފެންނައިރު، ކަސަބު ބޯވަޅު ފަދަ ދިވެހި ސަޤާފަތް ފެންނާނެ. މިކަންކަމަށް އިތުރު އެގްޒިބިޝަންތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނަން." ޑރ. ސައިދް ތަންވީރު ނަސްރީން ވިދާޅުވިއެވެ.

"އެތެން ބޫމް" ނުވަތަ "ދަ ކޮންފަރެންސް" އާޓް އެގްޒިބިޝަން މިއަދާއި މާދަމާގެ ހެނދުނު 10 އަކުން ހަވީރު ފަހަކަށް ކުރިއަށްދާނެކަމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން މަޢުލޫމާތުދެއްވައެވެ. މި އެގްޒިބިޝަންގައި ދައްކާލާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފަންޑް ރައިޒިން ހަރަކާތެއް ކުރިއަށް އޮތްތަނުގައި ބާއްވާނެކަަމަށް އެ ސެންޓަރުން މަޢުލޫމާތުދެއްވައެވެ.