ކުޅިވަރު

ބާކީ 3 މެޗު އޮއްވާ މާޒިޔާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި


ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

މާޒިޔާއިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް ފަހެއް އެކެއްގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި މާޒިޔާގެ ފުރަތަމަ ގޯލް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިންއެވެ. މި ގޯލް އޭނާ ޖެހީ މެޗުގެ 27ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު އަތުގައި ޖެހިފައި ނިކުތުމުންނެވެ.

ފުރަތަމަ ހާފު 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެ ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އިބްރާހިމް މަހުދީ ވަނީ ދެވަނަ ގޯލް މާޒިޔާއަށް ޖަހައިދީފައެވެ. މި ގޯލް އޭނާ ޖެހީ ބިދޭސީ ފޯވާޑް ކޯނޭލިއަސް ސްޓެވާޓް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އޭގެ ފަހުން ގްރީނުން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަހުމޫދްއެވެ.

މިގޯލަށްފަހު ގްރީނުން މާޒިޔާގެކޮޅަށް ނުރައްކާކޮށް އެޓީމް ޕްރެޝަރަށް ވައްޓާލަން މަސައްކަތްކުރިއެވެ. ނަމަވެސް މާޒިޔާއަށް ލީޑް ފުޅާކޮށްދިނީ އިބްރާހިމް އައިސަމްއެވެ. އައިސަމްގެ ގޯލަށްފަހު ކައިރި ކައިރީގައި ހަމްޒާ މުޙައްމަދު ވަނީ އިތުރު ދެލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދީފައެވެ.

މާޒިޔާއިން މިމެޗް ކާމިޔާބުކުރުމާއިއެކު އެޓީމަށް ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ. މާޒިޔާއަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އީގަލްސް ބާކީ ހުރި މެޗުތަކުން މޮޅުވިޔަސް މިއަދަދަށް ޕޮއިންޓެއް ހަމައެއްނުކުރެވޭނެއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން އެންމެ ފުރަތަމަ ދިވެހި ލީގު ކާމިޔާބުކުރީ 2016ވަނަ އަހަރު ޢަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.