ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވި ވާންޖެހޭ - ޝާހިދު


ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް މިހާރަށްވުރެއް އިތުރަށް ހަލުވި ކުރެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓްރީއެއް ޢައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޮރިން މިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރާ މަސައްކަތުގެ އެންމެ ބުރަމަސައްކަތެއް ކުރައްވަނީ ސިވިލް ސަރވިސް މުވައްޒަފުންކަމަށެވެ. ސަރުކާރުން ބޭނުންވާ ކަންކަން ޙާސިލްކުރުމުގައި ސިވިލްސާވިސް މުވައްޒަފުން އަދާކުރައްވަމުންދާ ދައުރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރައްވުމުގައި މިހާރަށްވުރެ އިތުރަށް މަސައްކަތްތަކުގައި ހަލުވިކަމެއް އަންނަންޖެހޭކަމަށެވެ. ފޮރިން މިނިސްޓްރީގެ ޕީއެސްއެއް ނެތި 100 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީއެސްގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސިކަން މިނިސްޓަރަށް އަންގަވައި މަސައްކަތަށް ނެރެވިފައިމިވަނީ 3 މަހަށްވުރެވެސް ގިނަ ދުވަސް ފަހުންކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ މިކަންކަން ރަނގަޅުކުރުމަށް ސިވިލް ސަރވިސްކޮމިޝަނަށް ގޮވާލައްވާފައެވެ.

"ސިވިލް ސަރވިސް ކޮމިޝަނަކީ ސިވިލް ސަރވަންޓުންނަށް ނަމޫނާ ތަނަކަށް ވާންޖެހޭނެ. އޭގެ ބަދަލުގައި ކަންކަމުގައި ދީލައިލައިގެން ކަންކަން ލަސްވުމަކީ މަސައްކަތްތަކަށް އުދަގޫތަކެއް ކުރިމަތިވާނެކަމެއް. އަޅުގަނޑުމެންވާނެ މިހާރުވެސް މިނިސްޓްރީގެ މަޤާމުތަކަމަށް ކޮމިޝަންގައި އެދިފައި. އެކަމަށްވެސް 28 ދުވަސް ފާއިތުވެފައިމިވަނީ. އަޅުގަނޑުގެ އިލްތިމާސަކީ ކަންކަމުގައި ލަސްވާ ލަސްވުންތަކީ ސިވިލްސާވިސް ކޮމިޝަނާހެދި ލަސްވާލަސްވުންތަކަށް ނުވުން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޢާއްޔަންކުރައްވާފައިވަނީ އެމިނިސްޓްރީގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ އާމިނަތު ޝިފާނާއެވެ. އޭނާ އެންމެ ފުރަތަމަ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވަނީ އާދައިގެ ސްޓާފެއްގެ ގޮތުގައެވެ. ޝިފާނާ ވަނީ ފޮރިން މިނިސްޓްރީގައި ހޭދަކުރެއްވި ދުވަސްތަކުގައި އެމިނިސްޓްރީގެ މުހިންމު ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ފާއިތުވެދިޔަތަނުގައި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި އާމިނަތު ޢަބްދުﷲ ދީދީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާރު އިންޑިޔާގެ ޓްރިވަންޑްރަމްގެ ކައުންސިލާ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުންދާ ޚިދުމަތަކީވެސް މިނިސްޓްރީއަށްކޮށްދެއްވާ ވަރަށް މުހިންމު މަސައްކަތް ޕުޅެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.