ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި ގުޅޭ ގޮތުން ކޯޓުތަކަށް ހުށައެޅިފައިވާ މައްސަލަތައް އަވަސްކުރުމަށް ޖޭއެސްސީން މަޝްވަރާކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވެވި އެކޮމިޝަނުގެ މިއަހަރުގެ 06 ވަނަ ޖަލްސާގައި ކަމަށެވެ.
މިގޮތުން ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި ބައްދަލުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށައެޅޭ މައްސަލަތައް ކޯޓުތަކުގައި ލަސްވާ ސަބަބު ދެނެގަތުމަށާއި، މައްސަލަތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް އެެމައްސަލަތައް އަވަސްކުރުމަށް އެޅޭނެ ފިޔަވަޅުތައް ބެލުމަށް އެބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
އަދި އެމަސައްކަތް މިހާރުން މިހާރަށް ފަށައި، މިހަފްތާގެ ތެރޭގައި ނިންމުމަށްވެސް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭގޮތުން ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ އިންތިޒާމެއް، ޝަރުއީ ދާއިރާގެ ތެރޭގައި ޤާއިމް ކުރުމަށާއި. އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށްވެސް ވަނީ މި ބައްދަލުވުމުގައި ނިންމާފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތަައް ނުނިމި ދިގުލައިގެން ދިޔުމަކީ އެކަމުގެ ސަބަބުން އިތުރު މައްސަަލަތައް އުފެދިގެން އަންނަ ކަމަކަށް ވަނީ ވެފައެވެ.
ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ކުޑައަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ އެކަމާއި ދެކޮޅަށް ރައްޔިތުން ނުކުމެފައިވާ ދަނޑިވަޅެއްގައެވެ.
ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ.