ޚަބަރު

އޭޖީ އޮފީހުން އެންމެ ގިނައިން ކޯޓުތަކަށް ދިޔައީ ފުލުހުންގެ އިދާރާއަށް ރައްދުވާ މައްސަލަތަކުގައި


2019 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުން އެންމެ ގިނަ އަދަދަކަށް ވަކާލާތުކުރަންޖެހުނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް ކޮށްފައިވާ ދަޢުވާތަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޓަރނީޖެނަރަލް އޮފީހުގެ ތަފާސް ހިސާބުތަކާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ވާގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާ 43 މައްސަލައެއްގައި އެޓާރނީ ޖެނަރަލް އޮފީހުން ދައުލަތް ތަމްސީލް ކުރުމުގެ ގޮތުން ކޯޓުގައި ވަކާލާތުކޮށްފައިވެއެވެ. އަދި ކޯޓުތަކުގައި ހިންގި ޝަރީއަތްތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް ރައްދުވި 26 މައްސަލައަކާއި ޑިފެންސް މިނިސްޓްރީއަށް ރައްދުވި 19 މައްސަލައެއްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވި 15 މައްސަލައެއްގައި އެޓާރނީޖެނަރަލް އޮފީހުގެ ވަކީލުން ވަކާލަތު ކުރަން ޖެހިފައިވެއެވެ.

މިދިޔަ އަހަރު ދައުލަތުގެ އިދާރާތަކަށް ރައްދުވާގޮތައް 224 މައްސަލަ ހުށައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ 19 މައްސަލަ އަކާއި ހައިކޯޓަށް ހުށައަޅާފައިވާ 26 މައްސަލައެއްގެ އިތުރުން ސިވިލް ކޯޓަށް ހުށައަޅާފައިވާ 138 މައްސަލައަކާއި ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައިވާ 22 މައްސަލައަކާއި މެޖިސްޓްރޭޓް ކޯޓްތަކަށް ހުށައަޅާފައި 19 މައްސަލަ އެކެވެ.

ދައުލަތުގެ ފަރާތުން އެޓާރނީޖެނަރަލްގެ އޮފީހުން މިދިޔަ އަހަރު 13 މައްސަލައެއް ކޯޓުތަކަށް ހުށައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓަށް ހުށައެޅި 10 މައްސަލަ އަކާއި ހައި ކޯޓަށް ހުށައެޅި 30 މައްސަލައެއްގެ އިތުރުން ސިވިލް ކޯޓަށް ހުށައެޅި 68 މައްސަލައަކާއި ފެމިލީ ކޯޓަށް ހުށައެޅި 18 މައްސަލަ އެކެވެ.

2019 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުން 384 މައްސަލައިގައި ވަކާލާތުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތަށް ރައްދުވާ 226 މައްސަލައާއި ދައުލަތުން ދަޢުވާކުރާ 158 މައްސަލައެވެ.