ޚަބަރު

ދަރިވަރުންނަށް ފީ ދޫކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށްފި


ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީއަށްވާ ފައިސާ އެ ދަރިވަރުންނަށް ދޫކުރުމުގައި ދިމާވެފައިވާ ހުރިހާ ދަތިތަކެއް މިހާރު ހައްލުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ އެ ދަރިވަރުންނަށް ދޫކުރުމުގައި އިދާރީ މައްސަލަތަކެއް ކުރިމަތިވެފައިވުމުން، "ހިލޭ ޑިގްރީ ސްކީމް"އަށް އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ އެ ދަރިވަރުންނަށް ދޫކުރުމުގައި ދިމާވެފައިވާ ހުރިހާ ދަތިތަކަށް މިހާރު ހައްލު ހޯދިފައި ވާކަމަށެވެ. އެގޮތުން މިހާރު ދަރިވަރުންނަށް މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލާފައި ވާއިރު، މިހާރު މި ނިޒާމުގައި ދަރިވަރުންނަށް އެއްވެސް އުނދަގުލެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ ކޮލެޖްތަކަށާއި ޔުނިވަރސިޓީތަކަށް ދޫކުރުމުގެ ބަދަލުގައި ދަރިވަރުންނަށް އެ ފައިސާ ދޫކުރާގޮތަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކޯސް ފީ ދަރިވަރާއި ހަވާލުކުރަން ނިންމާފައި ވަނީ ވީހާވެސް ފަސޭހައިން އެކަމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ އެ އުސޫލަށް ބަދަލުގެނެސްފައިވަނީ ޢަމަލުކުރަމުންދާ ގޮތުން ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބެންޖެހޭ އިންވޮއިސްތައް ލިބުން ލަސްވެ، ދަތިތައް ކުރިމަތިވުމުންކަމަށެވެ. އެހެންކަމުން ދަރިވަރުންގެ އަތަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ދަރިވަރުންނަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ އިންތިޒާމެއް ހަމަޖެހިގެންދާއިރު ކޮންމެ ސެމިސްޓަރއެއް ފެށޭއިރު، އެ ސެމިސްޓަރއަކަށް ދަރިވަރުން ދައްކަންޖެހޭ ފީ އެ ދަރިވަރުންނަށް މިނިސްޓްރީން ދޫކުރެވޭނެ ކަމަށެވެ.

އަލަށް އެކުލަވާލި އުޞޫލުގައިވާ ގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ދަރިވަރުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ. އަދި ލޯނު ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ފީ ވެސް ދެނީ އެ ދަރިވަރުންގެ އަތަށެވެ.

މި ބަދަލާއެކު މިއަހަރު ފަށާފައިވާ ސެމިސްޓާއެއްގެ ފީ ދަރިވަރު އަމިއްލައަށް ދައްކާފައިވާނަމަ ސަރުކާރުން ރިފަންޑް ދޭނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. ނަމަވެސް ރިފަންޑު ދޭނީ އަންނަ މަހުގެ 15 ގެ ކުރިން އެކަމަށް އެދި މިނިސްޓްރީ އަށް ހުށަހެޅުމުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޯސް ފީގެ ފައިސާ ހޯދަން ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ނަމަ 20 ދުވަހުގެ ތެރޭގައި އިގުރާރުގައި ސޮއިކޮށް ފައިސާ ޖަމާކޮށްދޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ކޯސް ފީ އަހަރަކު ދެ ފަހަރު ދައްކައިދޭއިރު ފުރަތަމަ ސެމިސްޓަރއަށް ފަހު ދެ ވަނަ ސެމިސްޓަރއަށްވެސް ފައިސާ ދޫކުރާނީ، އެ ދަރިވަރަކު ކިޔަވާކަން އެ ޔުނިވާސިޓީ ނުވަތަ ކޮލެޖަކުން ކަށަވަރުކޮށްދިނުމުންނެވެ.

އަދި ދެ ވަނަ އިންސްޓޯލްމަންޓަށް ފައިސާ ދޫކުރާނީ ކަނޑައަޅާފައިވާ ތާރީޚުގެ ދެ މަސް ކައިރިވުމުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ތިން ވަނަ އަދި އޭގެ ފަހުގެ އިންސްޓޯލްމަންޓުތައް ވެސް ދޫކުރާނީ ހަމަ މި އުސޫލުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 5000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެކަމަށް 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.