ފުރަތަމަ ފަހަރަށް ރާއްޖެއިން މިސްރަށް ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިސްރަށް ސަފީރަކު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މިނިސްޓަރ ޝާހިދު ހާމަކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ޓެކްސް ފޮތްތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްކަމަށެވެ.
ރާއްޖެއިން މިސްރަށް ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު މިއަހަރަކީ ރާއްޖެއާއި މިސްރާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 51 އަހަރުފުރޭ އަހަރެވެ. އެގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި މިސްރުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި މިނިސްޓަރވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މިސްރުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި މިސްރުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވޭތުވެދިޔަ 30 އަހަރުގެތެރޭގައި ބޮޑެތި އެހީތަކެއް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޓީޗަރުން ބަދަލުކުރުމާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި މިސްރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 51 އަހަރުވެފައި ވާއިރު މިސްރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ދޭ އެހީތައް އިތުރުކުރުމަށްކަމަށް މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުޞައިން އަލް ސަހާރޓީ ވިދާޅުވިއެވެ. އަދި އެޤައުމުން ރާއްޖެއަށް ވެދެނީ އެހީތައް ނޫންކަމަށާއި އެއީ އެޤަމުން އަދާކުރަންޖެހޭ ޒިންމާއެއްކަމަށްވެސް އޭނާ ވިދާޅުވި.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އަންނަނީ ރާއްޖެއަށް ސިލްސިލާކޮށް ފޮތް ހަދިޔާކުރުމުގެ މަޝްރޫޢެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ޢަރަބިއްޔާ ސްކޫލަށް އަޒުހަރުން ޓެކްސްޓް ފޮތް ހަދިޔާކުރެއެވެ. އެގޮތުން މިއަހަރުވެސް ހަހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއްފޮތްވަނީ ހަދިޔާކޮށްފައެވެ.