ޚަބަރު

އެއާޕޯޓް ފެރީ ޓެކްސީ ކިޔޫ އޮންނަ ސަރަހައްދަށް ބަދަލުކޮށްފި


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްދާ ފެރީ ދޯނި ފަހަރަށް މީހުން އަރާ ފައިބާ ސަރަހައްދު ބަދަލުކޮށްފިއެވެ. އެއަރޕޯޓް ފުރާ އަދި ފައިބާ ސަރަޙައްދު މިހާރު ވަނީ ޓެކްސީ ކިޔު މިހާރު އޮންނަ ސަރަހައްދަށް ބަދަލުކޮށްފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ގެނައި ބަދަލާއެކު ފެރީން ދަތުރު ކުރާ ފަސިންޖަރުން އަރާ ފޭބުމަށް ފަސޭހަވެގަންދާނެ ކަމަށެވެ. އަދި ވޯޓާ ފްރަންޓް ރެސްޓޯރެންޓް ކައިރި ހުސްކޮށް އެތަން މިހާރު ވަނީ ލޯންޗު ފަހަރުތަކަށް ޚާއްސަކޮށްފައެވެ.

ފެރީތައް ޓެކްސީ ކިޔޫ މިހާރު އޮންނަ ސަރަހައްދު ފުރަން ހަމަޖެއްސިއިރު، އެ ސަރަހައްދު މިހާރު ވެސް އޮންނަނީ ފުރި ބާރުވެފައެވެ. އޭގެ ސަބަބުން ޓޫރިސްޓުންނާއެކު އާއްމުންނަށް ވެސް ދަތިތަކާ ކުރިމަތިވާކަން ފާހގަކުރެވެވއެވެ. .ނަމަވެސް، އެމްއޭސީއެލް ބުނީ ފެރީތައް ފުރުން އެ ސަރަހައްދަށް ބަދަލު ކުރުމުން އެ ސަރަހައްދުގައި މިހާރު އޮންނަ ލޯޑު ކުޑަ ވެގެން ދާނެ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ޓެކްސީތައް މަޑުކުރާ ސްޓޮޕްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ ބަދަލުކޮށްފައެވެ. އަދި މިބަދަލު ގެނެސްފައި ވަނީ ވެސް ވީއައިއޭގެ ޓްރެފިކް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ސިނަމާލޭ ބްރިޖާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގިނަ މީހުން ދަތުރުކުރަނީ ޓެކްސީގައެވެ. މިއާއެކު އެއަރޕޯޓުގެ އެތެރޭގެ ޓްރެފިކް ވަނީ އިތުރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިދިޔަ އހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ޓެކްސީން މީހުން ބޭލުމަށް ހަމަޖައްސާފައިވަނީ ސީދާ އިންޓަރނޭޝަނަލް ޓަރމިނަލް ކުރިމައްޗަށެވެ. އަދި އަލަށް ގެނައި ބަދަލާއެކު އެއަރޕޯޓުން ޓެކްސީއަށް އަރާ ސްޓޮޕަކީ ރިސޯޓުތަކުގެ ލޯންޗުތައް އަޅާފައި އޮންނަ ސަރަޙައްދުގައި ކުރިން މީހުން ބޭލުމަށް ޤާއިމްކުރި ސްޓޮޕެވެ. އަދި މިހާރު އޮތް ގޮތުން ކުރިއާ ޚިލާފަށް ގިނަ ޓެކްސީތަކަށް މީހުން އެރުވުމަށް މިސަރަޙައްދުގައި މަޑުކުރެވޭނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު އޮންނަނީ ދެކޮޅަށް ދުއްވޭ 2 ލޭން ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި އެއަރޕޯޓުގައި 4 ލޭން އޮންނާނެކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ. އެއާއެކު އެއަރޕޯޓުގައި ދިމާވާ ޓްރެފިކްގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.