ޚަބަރު

ޖިންސީ ގޯނާ އާއި ދެކޮޅަށް ހިންގާ ހަރަކާތް ކުރިއަށްގެންދާނަން - އެއްވުމުގެ ބައިވެރިން


ދެކުނުގެ ރަށެއްގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމުން ފެށި އެއްވުންތައް ކުށްވެރިންނަށް އަދަބު ލިބެންދެން ކުރިއަށްގެންދާނެކަމަށް އެއްވުމުގެ ހިންގާ ފަރާތުން ބުނެފިއެވެ.

މިމައްސަލަ އާއި ގުޅިގެން ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއަކުން ވަނީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައާއި ގުޅިގެން މުޅި ރާއްޖެ ވަނީ އެކުއްޖާގެ ހައްޤުގައާއި މިފަދަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި މިކަމާއި ދެކޮޅަށް އަޑު އުފުލަން ފަށާފައިވާއިރު، މާލެ ސިޓީގައި ވަނީ މިކަމާއި ދެކޮަށް ސިލްސިލާގޮތެއްގައި އެއްވުންތައް ބާންވަން ފަށާފައެވެ.

ސިލްސިލާ އެއްވުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން މިހަރަކާތް ހިންގުމުގައި އިސްކޮއް ހަރަކާތްތެރިވި މެމްބަރަކު ވަނީ އެ ހަރަކާތަކީ، ޖިންސީ ފުރައްސާރަކުރުން ބޮޑުވެފައި ވުމުން އެކަން އިސްލާހުކުރުމަށް ފެށި ހަރަކާތެއް ކަމަށެވެ. އެގޮތުން ޒިންމާވާންޖެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ޒިންމާ ހަނދާންކޮއްދީ ޒިންމާ އަދާކުރޭތޯ ކަށަވަރުކުރާނެކަމަށް އެ ހަރަކާތުގައި ބައިވެރިވާ ޒުވާނުން ބުންޏެވެ. އެގޮތުން މި އެއްވުންތަކުގެ އިތުރުން މުއައްސަސާތަކާއި ވަކިވަކިން ބައްދަލުކޮށް ޤާނޫން އަސާސީއިން ފަރުދުންނަށް ލިބިފައިވާ ހައްޤުތައް ފުރިހަމަގިތުގައި ބޭނުންކުރާނެކަމަށް އޭނާ ބުނިއެވެ.

މި އެއްވުމުގައި ޖިންސީ ފުރައްސައާއި ގޯނާ އާއި ދެކޮޅަށް އެކި ޝިއާރުތައް ހިފައިގެން ވަނީ އަޑުއުފުލާފައެވެ. އެއްވުމުގެ ބައިވެރިން ވަނީ އެ ފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމާއި، މި ފަދަ އަނިޔާވެރިންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެކަމަށް ބުނެފައެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ހުށައެޅުނީ މިހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި، އެކަން ރިޕޯޓް ކުރިތާ 2 ގަޑިއިރު ތެރޭގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ފެށުނު ކަމުގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން މިހާތަނަށް އެ ކުއްޖާގެ ރައްކާތެރިކަމާ ގުޅުންހުރި އެއްވެސް މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުރަތަމަ ހުށަހެޅުނީ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ގޮތުގައި ނޫންކަމަށެވެ. ނަމަވެސް އެ ކުއްޖާ ޑޮކްޓަރަށް ދެއްކި ހިސާބުން އެކަން އެނގި އެ މައްސަލަ އިތުރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށުނު ކަމަށެވެ.