ޚަބަރު

ކަމެއް ރަނގަޅުކުރަން، ގޯސްމަގުން ހިނގީމަ ރަނގަޅެއް ނުވާނެ - ފުލުހުން


ޙައްޤަށް ގޮވާލާ ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރާ މަސައްކަތުގައި، އެހެން މީހުންނަށް އެއިން ގެއްލުންވާފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ހުޅުމާލޭގައި ހުރި ފްލެޓް ކައިރިއަށް ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި މުޅި ދިވެހިރާއްޖެ ނުރުހުން ފާޅުކުރަމުން އަންނައިރު، ފިޔަވަޅުއެޅުން ލަސްވާކަމަށްބުނެ ގިނަ ބަޔަކުވަނީ ކުއްޖާގެ ބައްޕަ ހައްޔަރުކުރިއިރު ހުޅުމާލޭގައި އެމީހާ ހުރި ފްލެޓް ކައިރިއަަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. އަދި އެއްވި ބައެއް މީހުންވަނީ އޭނާ ދިރިއުޅުނު ހުޅުމާލޭ 108ވަނަ ފްލެޓަށް ގަލާއި އެކި ކަހަލަ ތަކެތި އުކައި ގެއްލުންވެސް ދީފައެވެ.

މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގައި ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އާންމު މީހެއްގެ މޫނުމަތިވެސް ފަޅައިގެން ގޮސްފައިވެއެވެ. އަދި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު، އެ ސަރަހައްދުގައި ހުރި އާންމުންގެ ބައެއް އުޅަނދުތަކަށްވެސް ގެއްލުންވެފައިވެއެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވީ ހުޅުމާލޭ 108 ވަނަ ފްލެޓް ކައިރިއަށް އާންމުންގެ ބަޔަކު އެއްވެ ހިންގި ޢަމަލުތަކަކީ އެ ސަރަޙައްދުގައި ދިރިއުޅޭ އެހެން އާއްމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމެއް ކަމަށެވެ.

"ކުއްޖެއްގެ ޙައްގުގައި ކުރާ މަސައްކަތެއް ކުރަންވާނީ ރަނގަޅު ނަތީޖާއެއް ނެރުމަށް. ކަމެއް ރަނގަޅުކުރަން ގޮވާލައި، ގޯސްމަގުން ހިންގީމައި އެކަން ރަނގަޅެއް ނުވާނެ. ހަމަނުޖެހުން ހިންގިިތަން ފެނުނު ކުޑަކުދިންނަށް. އެކުދިން ތިބީ ބިރުވެރިކަމެއްގައި. އަދިވެސް އެބަގުޅާ އެސަރަޙައްދުގެ އާއްމުން ރައްކާތެރިކަން ބޭނުންވެގެން." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވިއެވެ..

ދަޢޫދު ވިދާޅުވީ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއެޅި، މަސައްކަތްތައް ދިގުދެމިގެންދާ ކަމަށެވެ.

"މީހުން އެއްވާކަމަށް މަޢުލޫމާތު ލިބެގެން ފުލުހުން އެ ސަރަޙައްދަށް ދިޔައީ. އެތާންގައި އޮތް ޙާލަތުން ކުއްޖާގެ ބައްޕަ އެތަނުން ނެރެގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުންވީ ގިނަ ވަގުތު ނެގި އަދި ދަތިކަމަކަށް. އެއީ އޭނާއަށް ގެއްލުމެއް އައިސްދާނެތީ." މުޙައްމަދު ދާޢޫދު ވިދާޅުވިއެވެ.

މި އެއްވުމުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 27 މީހުން ފުލުހުން ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެތެރޭގައި 18 އަހަރު ނުފުރޭ ކުދިންވެސް ތިއްބެވެ.